ޚަބަރު

"އެންމެ ބޮޑު އިސްކަމެއްދެނީ ޢުމްރާނީ ތަރައްޤީއާއި ރައްޔިތުންގެ ތަރައްޤީއަށް"


  • އިންޑިއާގެ އައިޓެކް ޕްރޮގްރާމުގެ ދަށުން އަހަރަކު 1600 ދަރިވަރުން އިންޑިއާގައި ކިޔަވާ

  • އެޗްސީޕީއައިޑީ ޕްރޮގްރާމުގެ ތެރެއިން 355 މިލިޔަން ރުފިޔާ މަޝްރޫޢު ދަނީ ކުރިއަށް

އިންޑިއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ޢުމްރާނީ ތަރައްޤީއާއި ރައްޔިތުންގެ ތަރައްޤީއަށްކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން ތަރައްޤީގެ ދާއިރާއިން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

އިންޑިއާއިން ރާއްޖޭގެ 42 ރަށަކަށް ބޭނުންވާ ކުޅިވަރު ސާމާނު ހަދިޔާ ކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއެކު ކުޅިވަރު ކުޅޭ ސާމާނު ހަދިޔާ ކުރެވިގެންދާޢިރު މިއީ އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގުޅުން ބަދަހިކޮށް ދުޅަހެޔޮ ސިއްޚަތެއްގައި ދެމި ތިބުމަށް ލިބިިގެންދާ ފުރުސަތެއްކަމަށެވެ.

އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުމަށް ވަނީ އަލިއަޅުވާލައްވާފައެވެ. މިއަހަރު ރައްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރޭއިރު ސަފީރު ވިދާޅުވީ ތަރައްޤީގެ ގުޅުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ވަރަށް ބޮޑު އިސްކަމެއް ދެވޭ ކަމެއް ކަމަށެވެ. ސަފީރު ވަނީ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރު ދެއްވާ އެހީތެރިކަމުގެ ތެރެއިން ބައެއްކަންކަން ފާހަގަކުރައްވާފައެވެ. މިގެ ތެރޭގައި އެކި މުޢައްސަސާތަކަށް ދެމުންދާ ތަމްރީނު ފުރުސަތުތައް ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއިން އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމް (އައިޓެކް) ގެ ދަށުން ކޮންމެ އަހަރަކުވެސް 1600 ގިނަ ދިވެހި އިންޑިއާގައި ތަމްރީނު ވަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއަކީ އިންޑިއާ ރާއްޖޭގެ ގުޅުމުގެ މުހިންމު ތަންބެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. މިދާއިރާއިން އިންޑިއާގެ އެހީތެރިކަން ދެމުންދާ ނުވަތަ ދީފައިވާ ބޮޑެތި މަޝްރޫޢުތައް އިންޑިއާ ސަފީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރުޢުއާއި، ހަނިމާދޫ އަދި ގަން އެއަރޕޯޓު މަޝްރޫޢުގެ އިތުރުން އައްޑޫގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަޝްރޫޢު ސަފީރު ފާހަގަކުރެއްވިއެވެ.

"ތަރައްޤީގެ ދާއިރާގެ ތެރެއިން ޢުމްރާނީ ތަރައްޤީއަކީ ދެން އޮތް އެންމެ މުހިންމު ދާއިރާ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢު، ހަނިމާދޫ އެއަރޕޯޓު މަޝްރޫޢު، ގަން އެއަރޕޯޓު މަޝްރޫޢު، އައްޑޫ މަގު ހެދުމާއި ފެން ހިނދާ ނިޒާމުގެ މަސައްކަތް ހިމެނޭ. މީގެ އިތުރުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް ހިމެނޭ" އިންޑިއާ ސަފީރު ވިދާޅުވިއެވެ.

ތަމްރީނު ޕްރޮގްރާމުތަކާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ތަކުގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުތަކުގެ ނަމުގައި ރަށްރަށުގެ އިޖްތިމާޢީ ތަރައްޤީއާއި ގުޅުންހުރި އެތަކެއް މަޝްރޫޢުތަކެއް އެ ޤައުމުން ދަނީ ހިންގަމުންނެވެ. މިމަޝްރޫޢުތައް 3 ފިޔަވައްސެއްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާއިރު، މިހާތަނަށް މީގެ 56 މަޝްރުޢޫއެއްގެ މަސައްކަތް ފެށިފައިވެއެވެ. އަދި 24 މަޝްރޫޢުއެއްގެ މަސައްކަތް ނިމި މަޝްރުޢޫ އިފްތިތާޙްކުރެވިފައިވާއިރު މިމަޝްރޫޢުތަކުގެ އަގު 355 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އިންޑިއާގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއާއި ރާއްޖެއަކީ އަވަށްޓެރި ދެ ޤައުމުގެ އިތުރުން އެކި ދާއިރާތަކުން ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ވަނީ ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ދެ ފަހަރެއްގެ މަތިން ވަނީ ވަޑައިގެންފައެވެ.