ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް މަގުފަހިކުރުމަށާއި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ހަތިޔާރު ބެހެއްޓުމަށް މަގުފަހިކުރާނެ ގޮތަކާ ގުޅޭގޮތުން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު މަޝްވަރާ ކުރެއްވުމަށް ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން އެމެރިކާއަށް މި ހަފްތާގެ ތެރޭގައި ދަތުރުކުރެއްވުމަށް ނިންމަވައިފިއެވެ. މި ދަތުރު ވެގެންދާނީ ފާއިތުވި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ލުބުނާނުގެ ރައީސަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.
ޢޫން ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 21ވާ އަންގާރަ ދުވަހުގައެވެ. އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި މި ވަނީ ޔަހޫދީ ސިފައިން ލުބުނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއްގައި ޙަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ އެތައް ސަތޭކަހާސް ރައްޔިތުންނެއްގެ ގެދޮރު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.
ޢޫންގެ އޮފީހުން މިދިޔަ ހަފްތާގެ ތެރޭގައި ބުނީ ލުބުނާނާއި ޔަހޫދީންނާ ދެމެދު އެމެރިކާ މެދުވެރިވެ މިދިޔަ ޖޫން މަހުގެ 26ވަނަ ދުވަހު ޤާއިމްކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ޔަހޫދީންނަށް ބާރުއެޅުމަށް ޓްރަމްޕްގެ އަރިހުގައި ޢޫން ދަންނަވާނެ ކަމަށެވެ. ޖޫން މަހުގެ އެއްބަސްވުމަކީ ޙިޒްބުاللهއިން ހަތިޔާރު ބެހެއްޓުމަށް މަގުފަހިކުރާ އަދި މަރުހަލާތަކަކަށް ބަހާލައިގެން ޔަހޫދީ ސިފައިން ލުބުނާނުން ބޭލުމަށް ބާރުއަޅާ އެއްބަސްވުމެއް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމަކީ ދެ ފަރާތުގެ ދެމެދުގައި ޞުލްޙަވެރި ގުޅުމެއް ޤާއިމްކުރުމާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ލުބުނާނުގެ އޮފިޝަލަކު ވިދާޅުވީ ޓްރަމްޕްއާއެކު ބާއްވާ ބައްދަލުވުމުގައި ޙިޒްބުاللهގެ ހަތިޔާރުތައް ބޭނުން ނުކުރެވޭ ގޮތަށް ހެދުމާ ގުޅޭ ހުށަހެޅުންތަކެއް ޢޫން ހުށަހަޅުއްވާނެ ކަމަށެވެ. ޔަހޫދީ ސިފައިން ލުބުނާނުން ފޭބުމަށް ފިއްތުންތައް ކުރިމަތިކުރުމުގެ ބާރު ޓްރަމްޕްއަށް ލިބިގެންވާ ކަމަށް ޢޫން ޤަބޫލުކުރައްވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ޙިޒްބުاللهއިން ވަނީ ލުބުނާނުގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު ދެކެވޭ ސީދާ ވާހަކަތައް ބަލައިނުގަންނަ ކަމަށް ބުނެފައެވެ. އަދި ޙިޒްބުاللهއިން ހަތިޔާރު ބެހެއްޓުމަށް މަޖުބޫރު ކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައިނުގަންނަ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.