ޚަބަރު

ސްޕޭނުގެ ހުރިހާ ކުޅުންތެރިންނާ ސަލާމްކުރީ ހަމައެކަނި މެސީ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ ބަލިކޮށް ސްޕޭން ހޯދުމުން މެޗަށް ފަހު ކުޅުންތެރިން ހޫނުވި އެވެ. ރެފްރީގެ ފަހު ކަށިގަނޑާއެކު ސްޕޭނުގެ ކުޅުންތެރިންނާއި އާޖެންޓީނާގެ ބައެއް ކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާ ވެސް ބަދަލު ކުރި އެވެ. ސަލާމް ކުރުމަށް އައި ސްޕޭނުގެ ބައެއް ކުޅުންތެރިން ދުރަށް ޖައްސަން ކޯޗު ލަޔޮނަލް ސްކަލޯނީ އާއި ދެ ޓީމުގެ އޮފިޝަލުން އުޅުނު މަންޒަރު ފެނުނެނެވެ.

ސްޕޭނުގެ އެރިކް ގާސިއާ އާޖެންޓީނާގެ ބެންޗާ ދިމާލަށް ދަނިކޮށް ހުއްޓުވީ ކޯޗު ސްލަކޯނީ އެވެ. އާޖެންޓިނާގެ ޕެރަޑޭސް އާއި ސްޕޭނުގެ ވިކްޓަ މުނޯޒް ވެސް އެކަކު އަނެކަކަށް ހޫނުވެގެން އުޅުނެވެ. ހަމަ މިފަދައިން އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒާއި ސްޕޭނުގެ ގަވީގެ ކުރިމަތިލުމެއް ފެނިގެންދިޔަ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕޭނުގެ ކެޕްޓަން ރޮޑްރީ އާޖެންޓީނާގެ ނިކޮލަސް އޮޓެމެންޑީ ހޫނުވި ވަގުތު މި ދެ ކުޅުންްތެރިން ދުރުކުރީ ވެސް ދެ ޓީމުގެ ބައެއް ކުޅުންތެރިން ވެގެންނެވެ. އަދި އެރިކް ގާސިއާ ހުއްޓުވަން ކޯޗު ސްކަލޯނީ އުޅުނު ވަގުތު ގަވީ ހުއްޓުވަން އާޖެންޓީނާގެ ބައެއް ކުޅުންތެރިން އެ ދެމެދަށް ވަނެވެ.

އެކަމަކު ޖަޒުބާތުގައި މިހުރިހާ ކަމެއް ހިނގައިދިޔައިރު މިއިން އެއްވެސް ކަމެއްގެ ތެރެއަށް ނުވަދެ ހުރީ މީހަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ.

މެޗު ކަވަރު ކުރި ގިނަ ނޫސްވެރިންގެ ބުނާ ގޮތުގައި މެޗަށް ފަހު ދެ ފަރާތުން ބަހުގެ ހަމަލާ ބަދަލުކުރުމުން އާޖެންޓީނާ އާއި ސްޕޭނުގެ ގިނަ ކުޅުންތެރިން ސަލާމެއް ނުކުރެ އެވެ. ނަމަވެސް ސްޕޭނުގެ ހުރިހާ ކުޅުންތެރިންނާ ސަލާމްކޮށް، މަރުހަބާ ކިޔާފައިވާ ހަމައެކަނި އާޖެންޓީނާގެ ކުޅުންތެރިއަކީ މެސީ ކަމަށެވެ. މެޗަށް ފަހު ސްޕޭނުގެ ޕެޑްރީ އާއި އޮލްމޯ އަދި ޔަމީލް ޔަމާލާ ސަލާމްކޮށް ބައްދާލި މަންޒަރު ޓީވީން ވެސް ދުރަށް ދެއްކި އެވެ.

މެޗުގެ ކުރިން ވެސް މެސީ ވަނީ ޕެޑްރީއާ ވާހަކަ ދައްކައިފަ އެވެ. އަދި އޮލްމޯއާ ސަލާމް ކުރި މަންޒަރު ވެސް ޓީވީން ދުރަށް ދެއްކި އެވެ. ސްޕޭން ޓީމުގައި ތިބި ބާސެލޯނާގެ ކުޅުންތެރިންގެ ތެރެއިން ޕެޑްރީ އާއި އެރިކް ގާސިއާ އަކީ އެކުގައި ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިންނެވެ. އަދި އޮލްމޯ އާއި ލަމީން ޔަމާލާއި ގަވީ އާއި ފައިނަލް މެޗުގެ ހަމައެކަނި ގޯލު ޖެހި ފެރަން ޓޯރޭޒާއި ވެސް ހެދިބޮޑުވީ މެސީ ވެސް އުޅުނު ބާސެލޯނާގެ އެކަޑަމީގަ އެވެ. މި ވަރުގަދަ ފުޓްބޯޅަ ސްކޫލުން ތަމްރީނުވި މެސީ އަކީ އޭރު ބާސެލޯނާ އާއި ދުނިޔޭގެ ވެސް އެންމެ ވިދުން ގަދަ ތަރި އެވެ.

މިހެންވެ ދުނިޔޭގެ އެތައް ބަޔަކު ފަދައިން ސްޕޭނުގެ ގިނަ ކުޅުންތެރިން ވެސް ފުޓްބޯޅައިގެ ނަމޫނާ ޝަހުސިއްޔަތަކަށް ބެލީ ކުޅުންތެރިއަކީ މެސީ އެވެ. އެމީހުން ޅަފަތުގައި މެސީއާއެކު ނަގާފައިވާ ފޮޓޯތައް ކޮޓަރީގެ ބިތުގަ އާއި ކިޔަވާ ފޮތްތަކުގެ ބޭރު ގަނޑުގައި ހިއްޕާފައިވަނީ ކޮންމެ ވެސް ދުވަހަކުން މެސީ ހުރި ފެންވަރަށް ދިއުމަށް ނުވަތަ އޭނާއާއެކު ކުޅެން މި ކުޅުންތެރިން ދެކެމުން ދިޔަ ހުވެފެންތަކާހެދި އެވެ. މި ހުވަފެން ގިނަ ކުޅުންތެރިންނަށް ހަގީގަތަކަށްވީ ރޭގެ ފައިނަލް މެޗުންނެވެ.