2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ތަށި ސްޕެއިން އިން އުފުލާލައިފިއެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ސްޕެއިން ހޯދީ އެމެރިކާގެ ނިއު ޖަރޒީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު 1-0 ން ކާމިޔާބުކޮށްގެންނެވެ.
މެޗުން ސްޕެއިން މޮޅުވީ 90 މިނިޓްގެ ތެރޭގައި ކުރި ގިނަ އެޓޭކްތައް ނާކާމިޔާބުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެންނެވެ. ސްޕެއިން އަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު 106 ވަނަ މިނިޓްގައި ޖެހީ ފެރަން ޓޮރޭޒް އެވެ. އެއީ ނިކޯ ވިލިއަމްސް ބޮލުން ޖައްސާލައިގެން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ނިކޯ އާއި ފެރަން ޓޮރޭޒްވެސް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. އޮޔާޒަބާލްގެ ބަދަލުގައި ފެރަން ޓޮރޭޒް ކުޅެން ނިކުތީ 62 ވަނަ މިނިޓްގައެވެ. އަދި އަލެކްސް ބައެނާގެ ބަދަލުގައި ނިކޯ ކުޅެން ނިކުތީ 75 ވަނަ މިނިޓްގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަށްވެސް ހޮވީ ލަނޑުޖެހި ފެރަން ޓޮރޭޒް އެވެ.
ސްޕެއިންގެ އެލަނޑުގެ ކުރިންވެސް ނިކޯ ވިލިއަމްސް ލަނޑެއް ޖެހިއެވެ. އެކަމަކު އޭގެކުރިން މެރީނޯ އާޖެންޓީނާ ޑިފެންޑަރ އޮޓަމެންޑީއަށް ފައުލްކޮށްފައިވާތީ ރެފްރީ ދެއްކީ ފައުލެވެ.
މެޗުގެ ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ޖެހުނަސް 90 މިނިޓްގެ ތެރޭގައި ސްޕެއިން އިން ވަނީ އާޖެންޓީނާ ގޯލަށް ގިނަ ބޯޅަތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޔަމާލް އާއި ކުބާސީ އަދި އޮޔާޒަބާލް އާއި އޮލްމޯ ފޮނުވާލި ބޯޅަތައްވެސް ކީޕަރު މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ. މުޅި މެޗުގައިވެސް ސްޕެއިންގެ ގޯލަށް އާޖެންޓީނާއަށް އެންމެ ޝޮޓެއްވެސް ނުނެގެއެވެ. އޭގެ ބަދަލުގައި ސްޕެއިން އިން އާޖެންޓީނާގެ ގޯލާ އަމާޒުކޮށް އެކަނިވެސް 12 ބޯޅައެއް ފޮނުވާލިއެވެ. އޭގެ ތެރޭގައި މެޗު ފަށައިގެން ކުރީކޮޅު ޔަމާލް ފޮނުވާލި ބޯޅައާއި މެޗުގެ ފަހުބައިގަ ފޮނުވާލި ހިލޭ ޖެހުން ހިމެނެއެވެ. މެޗުން ސްޕެއިން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކި ފަހުންނެވެ. ދެވަނަ ކާޑް ދެއްކީ ކުބާސީއަށް ކުރި ފައުލަކަށެވެ، އޭގެކުރިން އޭނާ ކާޑެއް ހޯދީ ރެފްރީފެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކޮށްގެންނެވެ.
ސްޕެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެއެވެ. އަދި ކޮޅަށް ވަނީ އެންމެ ގޯލެކެވެ. މީގެކުރިން ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސްޕެއިންގެ ކެޕްޓަން ރޮޑްރީއެވެ. އާޖެންޓީނާ ކެޕްޓަން މެސީއަށް ލިބުނީ ސިލްވަރ ބޯލް އެވެ. ރަންބޫޓާއެކު ފްރާންސް ކެޕްޓަން އެމްބާޕޭ ވަނީ ބްރޯންޒް ބޯލް ނުވަތަ ތިންވަނަ ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ސްޕެއިންގެ ކީޕަރު އުނެއި ސިމޯންއެވެ. އޭނާ ބެލެހެއްޓި ގޯލަށް ވަނީ އެންމެ ބޯޅައެކެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ސްޕެއިންގެ 19 އަހަރުގެ ޑިފެންޑަރ ޕައު ކުބާސީ އެވެ.