ޚަބަރު

އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ޔަހޫދީން އުފައްދާ މުދާ ބެލްޖިއަމްގައި މަނާކުރަނީ


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ މުދާ ބެލްޖިއަމްއަށް އެތެރެކުރުން މަނާކުރުމަށް އެ ޤައުމުގެ މައި ސަރުކާރުން ނިންމައިފިއެވެ.

އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި ޔަހޫދީން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމާ ގުޅޭގޮތުން ވިލާތުގެ އިއްތިޙާދުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ބެލްޖިއަމްގެ މި ނިންމުމާއެކު އެ ޤައުމު ވެގެން ގޮސްފައި މި ވަނީ ވިލާތުގެ އިއްތިޙާދުގެ ނިންމުމަކަށް މަޑުނުކޮށް، އެ މައްސަލައާ ގުޅޭގޮތުން ވަކިވަކި ނިންމުންތައް ނިންމާ ޤައުމުތަކުގެ ލިސްޓަށް އިތުރު ޤައުމެއް މި ވަނީ އިތުރުވެފައެވެ.

ބެލްޖިއަމްގެ ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ހޫނު މޫސުމުގެ ކުރިން ބާއްވާ އެންމެ ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ޔަހޫދީން ޣަައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކާއި ޝަހީދު ކުރަމުންދިޔަ މީހުންގެ ޢަދަދު ކުށްވެރިކޮށް ބެލްޖިއަމްއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ބެލްޖިއަމްގެ މި ނިންމުމަކީ އެ ވަޢުދާ އެއްގޮތަށް ޔަހޫދީންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެކެވެ. އަދި މިއީ ވިލާތުގެ އިއްތިޙާދަށް ދީފައިވާ ސިގްނަލެއްގެ ގޮތުގައި ވެސް ބެލެވެއެވެ.

ޔަހޫދީންގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ވިލާތުގެ އިއްތިޙާދެވެ. ޔަހޫދީން އެކްސްޕޯޓުކުރާ މުދަލުގެ 30 އިންސައްތަ ގަންނަނީ ވިލާތުގެ އިއްތިޙާދުންނެވެ. ޔަހޫދީން ކުރާ ވިޔަފާރީގެ ތިންބައި ކުޅަ އެއްބައި ޙިއްޞާ ކުރަނީ ވިލާތުގެ އިއްތިޙާދުންނެވެ. މިދިޔަ އަހަރު ވެސް ވިލާތުގެ އިއްތިޙާދުން ޔަހޫދީންކޮށްފައިވާ ވިޔަފާރީގެ އަގު 49 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

ބެލްޖިއަމްއެކޭ އެއްގޮތަށް މި ފަދަ ފިޔަވަޅެއް އަޅާފައިވާ ވިލާތުގެ އެހެން ޤައުމުގެ ތެރޭގައި ސްޕެއިންއާއި ނެދަލެންޑްސްއާއި ސްލޮވީނިޔާ ހިމެނެއެވެ. ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި ޔަހޫދީން އުފައްދާ މުދާ އެތެރެކުރުން ސްޕެއިންއިން މަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ނެދަލެންޑްސްއިން އެ ފިޔަވަޅު އަޅާފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަޔަލެންޑުގެ ޤާނޫނުހަދާ މަޖިލީހުން ވެސް ވަނީ ޖުލައި މަހުގެ 15ވަނަ ދުވަހު އެ ފަދަ ނިންމުމެއް ނިންމާފައެވެ.

ވިލާތުގެ އިސްވެރިންގެ ގޮތުގައި ކުރިން ޙަރަކާތްތެރިވެވަޑައިގެންނެވި ފަސް ލީޑަރަކު ވެސް ވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި ޔަހޫދީން އުފައްދާ މުދާ އެތެރެކުރުން ވިލާތުގެ އިއްތިޙާދުން މަނާ ކުރުަމަށް އެ އިއްތިޙާދަށް ގޮވާލައްވައިފައެވެ. އެ ބޭފުޅުންގެ ތެރޭގައި އިޓަލީވިލާތުގެ ކުރީގެ ބޮޑުވަޒީރު އެންރިކޯ ލެއްތައާއި ޖަރުމަނުވިލާތުގެ ކުރީގެ ޗާންސެލަރު ސިގްމާރ ގެބްރިއެލް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން ވިދާޅުވީ ޤައުމުތަކުން ވަކިވަކި ނިންމުންތައް ނިންމުމަށްވުރެ ވިލާތުގެ އިއްތިޙާދުން އެ ފަދަ ނިންމުމެއް ނިންމުމުން އޭގެ ބުރަދަން އިތުރުވާނެ ކަމަށެވެ. ވިލާތުގެ އިއްތިޙާދުން އެ ފަދަ ނިންމުމެއް ނުނިންމާހާ ހިނދަކު ވިލާތުގެ ޤައުމެއްގެ ކަސްޓަމްސްއިން ކްލިއަރ ކުރާ މުދާ އެ އިއްތިޙާދުގެ އެހެން ޤައުމުތަކަށް ހުރަހެއް ނެތި އެތެރެކުރެވޭނެ ކަމަށް އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރއިން މި އަހަރު ކުރި ތަހުޤީޤެއްގައި ވިލާތުގެ ޤައުމުތަކަށް ޔަހޫދީން އެކްސްޕޯޓުކޮށްފައިވާ ދަނޑުވެރި އުފެއްދުންތައް ހިމެނޭ 30،000 ޝިޕްމަންޓާ ގުޅޭ ލިޔެކިޔުންތައް ވަނީ ބަލައިފައެވެ. އެ ލިޔުންތަކުން އެނގޭ ގޮތުގައި ކޮންމެ ހަ ޝިޕްމަންޓަކުން އެއް ޝިޕްމަންޓުގައި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަަައް ކަމަށްވާ ހުޅަނގު އައްސޭރިއާއި ޖައުލާން އުސްބިންތަކުގައި ހައްދާފައިވާ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރެެއިން ވިލާތުގެ ޤައުމުތަކަށް ފޮނުވާ ޝިޕްމަންޓުތަކުގެ ކޮންމެ ފަސް ޝިޕްމަންޓަކުން އެއް ޝިޕްމަންޓުގައި މި ފަދަ އުފެއްދުންތައް ހިިމެނެއެވެ. ތަހުޤީޤަށް ފާހަގަވި ގޮތުގައި އެ އުފެއްްދުންތަކަކީ ކޮން ތަނެއްގައި އުފައްދާފައިވާ އުފެއްދުންތަކެއްކަން އޮޅުވާލައި ފޮރުވުމަށް ޔަހޫދީން މަސައްކަތްކޮށްފައިވެއެވެ.