ޖޫން މަހުގެ 27ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތަކުގައި އީރާނުގެ 50 މީހުން ޝަހީދުވެ، 500އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޞިއްޙީ ވުޒާރާގެ ޕަބްލިކް ރިލޭޝަންސް ސެންޓަރުގެ އިސްވެރިޔާ، ޙުސައިން ކާމަންޕޫރު ވިދާޅުވީ ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ދެ ކުޑަކުދިންނާއި 18 އަހަރުން ދަށުގެ ކުދިން ހިމެނޭ ކަމަށެވެ. ޒަޚަމްވި މީހުން ތެރޭގައި 32 އަންހެނުންނާއި 18 ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އަދިވެސް ޙަމަލާތައް ބަދަލުކުރަމުން ދާއިރު، އޭގެ ސަބަބުން މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަސްވަން ކަން ވަނީ އިތުރުވެފައެވެ. ދެ ފަރާތުން ޙަމަލާ ބަދަލުކުރަމުން ދަނީ މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕާކިސްތާނު މެދުވެރިވެ ދެ ޤައުމުން އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދީ ހަނގުރާމަ ފެށުމުން އީރާނުން ވެސް ވަނީ ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ހަނގުރާމަ ފެށިތާ 40 ދުވަސް ފަހުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެމެރިކާއާއި އީރާނުން އެއްބަސްވީ އޭޕްރިލް މަހުގެ 8ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން ވެސް ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ޖޫން މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުން މިހާރު ރޫޅިފައިވާއިރު، އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމާއި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.