ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ކުރިއަށް ގެންގޮސްފިއެވެ.
މިއީ، ވިޔަފާރިތަކުގެ ހިންގުންތެރިކަން އިތުރަށް ތަރައްޤީ ކުރުމަށް އެ ޖަމްޢިއްޔާއިން ފެށި ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ބޭއްވި ފުރަތަމަ ސެޝަނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ، މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މި ޕްރޮގްރާމުގައި މާލެއާއި އަތޮޅުތަކުގެ އެކި ކުންފުނިތަކުން ޖުމްލަ 30 އާއި، 40 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވިކަން އަމްޖަދު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ، އައިޓީ އަދި އޭއައި ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެކެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި އޭއައި ބޭނުންކުރުމުގެ މައިގަނޑު މަޤުސަދަކީ މަދު މުވައްޒަފުން ބޭނުންކޮށްގެން، ހަލުވިކަމާއެކު ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
"އޭއައި ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް އެފިޝިއަންޓް ކުރާނެ ގޮތާއި، ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. މީގެ އިތުރުން ޑޮކިއުމެންޓްސް ތައްޔާރު ކުރުމާއި، ބައިނަލްއަޤުވާމީ މާކެޓަށް ވާސިލުވުމުގައި އޭއައިގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން. މިފަދަ ސެޝަންތަކުން މިފަދަ މުހިންމު ކަންތައްތައް ވިޔަފާރިވެރިންނަށް ދަސްކޮށްދިނުމަކީ، އަޅުގަނޑުމެން މި ޕްރޮގްރާމު ބޭއްވުމުގެ މައިގަނޑު އަމާޒަކީވެސް." އަމްޖަދު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މި ޕްރޮގްރާމުގެ ބައިވެރިން ވަނީ، މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އޭއައި މެދުވެރިކޮށް ވިޔަފާރީގެ އިދާރީ ހިންގުމާއި، އެހެނިހެން މަސައްކަތްތައް ފަސޭހަ އަދި އަވަސް ގޮތެއްގައި ކުރިއަށްގެންދާނެ އުކުޅުތައް ދަސްވި ކަމަށް ބައިވެރިން ބުންޏެވެ.
މޯލްޑިވްސް ބިޒްނަސް ޗޭމްބަރަކީ، ވިޔަފާރި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން އިސްނަގައިގެން، އިންޑަސްޓްރީ ކުރިއެރުވުމަށް މިދިޔަ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރި ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ ކުންފުނިން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ކުރިއަށް އޮތްތަނުގައި މިފަދަ ތަމްރީނު ޕްރޮގްރާމްތައް މާލޭގެ އިތުރުން ރަށްރަށުގައި ތިބި ކުންފުނިތަކަށް އަމާޒުކޮށްގެން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޗޭމްބަރއިން ވަނީ ރާވާފައެވެ. އަދި ވިޔަފާރިތަކަށް އެ ޖަމްޢިއްޔާގެ ވެބްސައިޓް މެދުވެރިކޮށް މެންބަރަކަށްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.