ޚަބަރު

ބުރުގެ އައު ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް


  • ރޮޑްރިގޭޒް ވަނީ ސްޕެއިން އެމެރިކާ އަދި އިންޑިއާގައި މަސައްކަތްކޮށްފައި

  • މިދިޔަ ސީޒަނުގައި ބުރުގެ ކޯޗަކަށް ހުރީ ނިޒާމް

މިދިޔަ ސީޒަނުގެ ދިވެހި ލީގުގެ ހަތަރުވަނަ މަގާމު ހޯދި ބުރު ސްޕޯޓްސް ކުލަބުގެ އައު ކޯޗަކަށް، ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފިއެވެ.

އުމުރުން 28 އަހަރުގެ ރޮޑްރިގޭޒް ބުރުގެ ކޯޗުކަމަށް ހަމަޖައްސައި އޭނާއާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ބުރުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދިޔައީ މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ސީޒަން ނިމުމުން، ދެ ފަރާތުގެ މަޝްވަރާއަށްފަހު ނިންމީ އިތުރު އެއްބަސްވުމެއް އެކުލަވާ ނުލުމަށެވެ.

ބުރުގެ އައު ކޯޗު ރޮޑްރިގޭޒް އަކީ މީގެކުރިން ސްޕެއިން، އެމެރިކާ އަދި އޮމާނާއި ޔޫއޭއީގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ.

އޭޝިޔާއާއި މެދުއިރުމަތީގައި މަސައްކަތްކުރުމުގެ ކުރިން ރޮޑްރިގޭޒް ވަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ އެކަޑަމީގައި 19 އަހަރުން ދަށުގެ ޔޫތު ޓީމެއްގެ ހެޑް ކޯޗުކަން ކޮށްފައެވެ. އަދި އަރޫހާސް ސީއެފްގެ 19 އަހަރުން ދަަށުގެ ޓީމުގައި ވެސް އޭނާ ވަނީ ކޯޗުކަން ކޮށްފައެވެ.

އެފަހުން ރޮޑްރިގޭޒް ވަނީ އެމެރިކާގައި އެސްޕަންޔޯލުން ގާއިމްކުރި 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފައެވެ. އަދި އޮމާނުގެ އަލް ނަޙްދާ ކުލަބާއި އިންޑިއާގެ ގޯކުލަމް ކެރެލާ އެފްސީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އަދި ހައްޓާ ކުލަބުގެ ޔޫތު ކޯޗެއްގެ ގޮތުގައި ވެސް ރޮޑްރިގޭޒް ވަނީ މަސައްކަތްކޮށްފައެވެ.

ބުރުގެ ކޯޗަކަށް ރޮޑްރިގޭޒް ހަމަޖެއްސިކަން ހާމަކޮށް އެ ކުލަބުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރޮޑްރިގޭޒްގެ ތަޖުރިބާއާއި ފުޓުބޯޅައިގެ އިލްމުގެ އިތުރުން، ކާމިޔާބީ ހޯދުމަށް އޭނާ ގެންގުޅޭ ތަސައްވުރާއެކު، ބުރަށް ކުލަބެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ބުރުގެ އައު ކޯޗެއްގެ ގޮތުގައި ސްޕެއިންގެ ޒުވާން އެހެންނަމަވެސް ތަޖުރިބާކާރު ކޯޗެއް ކަމުގައިވާ ރޮޑްރިގޭޒް ހަމަޖައްސައި، އައު ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް އެކުލަބުން ފަށާފައިވާއިރު، ނިޒާމްގެ އިރުޝާދުގެ ދަށުން ފާއިތުވީ ސީޒަނުގައި ބުރުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފައެވެ.