ޚަބަރު

ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅަނީ


  • ރާއްޖޭގައި ބޭނުންކުރަނީ މީގެ 40 އަހަރު ކުރީގެ ކަނދުފަތީގެ ޑިޒައިނެއް

  • ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތްކުރީ އެފްއޭއޯއާއި ގުޅިގެން

ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކަނދުފަތީގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރީ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭއޯއާއި ގުޅިގެންނެވެ.

ރާއްޖޭގައި މިވަގުތު ބޭނުންކުރާ ކަނދުފަތިތަކަކީ 40 އަހަރު ކުރީގެ ޑިޒައިނެކެވެ. ރާއްޖެއިން މިހާރު ވަނީ މިޓެކްނޮލޮޖީ ބަދަލުކުރަން ޖެހިފައިކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކަނދުފައްޗަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރު ބަދަލުވެ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމެވެ. ކަނދުފަތިތައް ކަނޑައިގެން ދިއުމަށް ހައްލެއް ގެނައުމަށް އެންމެ މުހިންމު ކަމަކީ ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުންކަމަށް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރާއިރު މީގެ ގިނަ މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ބަދަލާއިއެކު އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހުގެ ތެރޭގައި އަޅާނެކަމަށެވެ.

"ބަދަލާއިއެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ފުރަތަމަ ކަނދުފަތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޑިޕްލޮއިކުރާނަން މި އައު ފަރުމާއާއި އެކީގައި. އެއިރުން އިރާދަކުރެއްވިއްޔާ އަވަސްއަވަހަށް ކަނދުފަތި ކަނޑައިގެން ދިއުން ނިމުމަކަށް ގެނެވޭނެ ނޫނިއްޔާ އެ މައްސަލަ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ވަރަށް ބޮޑަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ކަނދުފަތި އެޅުމުގައި މިސަރުކާރުން ރެކޯޑެއް ހަދާފައިވާކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިސަރުކާރު އައިފަހުން މިހާތަނަށް 99 ކަނދުފަތި ވަނީ ރާއްޖޭގެ އެކިކަކޮޅު ތަކުގައި އަޅާފައެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޮށީގެ ކަނދުފައްޗެއް ގާއިމްކޮށްފައިވާއިރު ވަދު ކަނދު ފަތީގެ ވިއުގައެއް ގާއިމްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ފެބުރުވަރީ މަހަށް މިމަސައްކަތް ނިމޭނެކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ފެބުރުވަރީ މަހަށް އަޅުގަނޑުމެން ނިންމާނަން. އެއިރުން އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ހުރިހައި ރަށެއް އިރާދަކުރެއްވިއްޔާ ކަވަރުވާނެ. މިހާރު ގާތްގަނޑަކަށް ވަދު ކަނދުފަތީގައި އުޅެނީ 22 އަކަށް ކަނދުފަތި އަޅުގަނޑުމެން އިތުރަށް ގާއިމްކުރަން. އިރާދަކުރެއްވިއްޔާ މިދަންނަވާހެން މި 22 ކަނދުފަތި އަޅުގަނޑުމެން ގާއިމްކޮށް ނިންމާނަން. ފެބުރުވަރީ މަހުގެ ތެރޭގައި މިއަންނަ އަހަރުގެ." ވަޒީރު ވިދާޅުވިއެވެ.

ކަނދުފައްޗަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ އާލާތަކަށްވާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމުން އޭގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރެއެވެ. މިވަގުތު ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.