ޚަބަރު

އެސްޓަން ވިލާގެ ރެކޯޑް ފީއަކަށް މަންޒަމްބީގެ ސޮއި ހޯދައިފި


މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި ސްވިޒަލޭންޑްގެ ޓީމުން ވިދާލި ޔޮހާން މަންޒަމްބީގެ ސޮއި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާ އިން ހޯދައިފި އެވެ.

އުމުރުން 20 އަހަރުގެ މަންޒަމްބީ އެސްޓަން ވިލާގެ ރެކޯޑް ފީއެއް ކަމުގައިވާ 67 މިލިއަން އެމެރިކާ ޑޮލަރުގެ ފީ އަކަށް ހޯދާފައިވަނީ ޖަރުމަންގެ ފްރެއިބަރގް އިންނެވެ. މަންޒަމްބީ އެސްޓަން ވިލާ އަށް ސޮއިކޮށްފައިވާއިރު އޭނާ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑް އިން ވެސް ދިޔައީ މަސައްކަތް ކުރަމުންންވެ. ނިއުކާސަލް އިން މަންޒަމްބީ ހޯދުމަށް 49 މިލިއަން ޕައުންޑް ހުށައެޅި ނަމަވެސް ފަހު ވަގުތު އެސްޓަން ވިލާއިން ވަނީ އޭނާގެ ސޮއި ހޯދާފަ އެވެ.

މި ފަހަރުގެ ވޯލްޑްކަޕްގައި ސްވިޒަލޭންޑަށް ތިން ލަނޑު ޖަހައިދީފައިވާ މަންޒަމްބީ ވަނީ މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

އެސްޓަން ވިލާ އިން އެ ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދަނީ 35 މިލިއަން ޕައުންޑްގެ ފީ އަކަށް އެ ޓީމުގެ މިޑްފީލްޑަށް ކުޅެމުންދިޔަ ޔޫރީ ޓިއެލެމަންސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާއި ގުޅިގެންނެވެ.

ވޯލްޑްކަޕްގައި ބޮސްނިއާ އާއި ދެކޮޅަށް ސްވިޒަލޭންޑް ކުޅުނު މެޗުގެ 71 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ އޭނާ ވަނީ 2 ލަނޑު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި ކެނެޑާ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް މަންޒަމްބީ ވަނީ ލަނޑެއް ޖަހާފަ އެވެ.

ނަމަވެސް އާޖެންޓީނާ އާއި ދެކޮޅަށް ސްވިޒަލޭންޑް ކުޅުނު މެޗުގައި މަންޒަމްބީއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ކުޅެވޭގޮތް ނުވެފަ އެވެ.