ޚަބަރު

ޕާކިސްތާނުގެ މަތިންދާބޯޓުގެ ކަޅުފޮށި ހޯދަން ބޭރުގެ އެހީ ހޯދަން ބާރު އަޅަނީ


މިދިޔަ ހަފުތާގައި ޢަރަބި ކަނޑަށް ވެއްޓުނު ޕާކިސްތާނުގެ ކޭ2 އެއާވޭސްގެ ބޮއިންގް 737 މަރުކާގެ މުދާއުފުލާ މަތިންދާބޯޓުގައި ތިބި ފަސް ފަޅުވެރިންގެ އާއިލާތަކުން، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފްލައިޓް ރެކޯޑަރުތައް (ކަޅުފޮށި) ހޯދުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއް ފެށުމަށް ގޮވާލައިފިއެވެ.

މި ޖުލައި މަހުގެ 7ވަނަ ދުވަހު ބޯޓު ވެއްޓުނުތާ މާގިނައިރުތަކެއް ނުވެ ބޯޓުގެ ބައެއް ބައިތައް ފެނުނު ނަމަވެސް، އެ ސަރަޙައްދުގެ ކަނޑުގެ ފުންމިނުގައި ގާތްގަނޑަކަށް 3,000 މީޓަރު (9,800 ފޫޓު) ހުރެއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، 2009 ވަނަ އަހަރު ވެއްޓުނު އެއާ ފްރާންސް މަތިންދާބޯޓު 447 ގެ ހާދިސާއެކޭ އެއްފަދައިން، މިހާ ފުން ސަރަޙައްދަކުން ކަޅުފޮށިތައް ހޯދުމަށް ވަރުގަދަ އަދި ބޮޑު ޚަރަދެއް ހިނގާނެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ޖެހޭނެއެވެ.

މީގެ އިތުރުން މި ބޯޓުގެ ކަޅުފޮށި ހޯދަން ހުރި މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި 27 އަހަރުވީ މި ބޯޓުގެ ލޮކޭޓާ ބީކަންތައް ފަރުމާކޮށްފައިވަނީ އެންމެ 30 ދުވަހުގެ މުއްދަތަށް ސިގްނަލް ފޮނުވޭ ގޮތަށް ހުރުން ހިމެނެއެވެ. އެހެންކަމުން ބެޓެރީ ހުސްވުމުގެ ކުރިން ބޯޓު ހޯދުމަށް ލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. މީގެއިތުރުން، މިފަދަ ފުން ކަނޑުގެ ސަރަޙައްދަކުން އެ ތަކެތި ހޯދުމަށް ބައިނަލްއަޤްވާމީ ފަންނީ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ހާދިސާގައި ގެއްލުނު ފަޅުވެރިންގެ ހަށިގަނޑުތައް ފެންނާނެ ކަމުގެ އުންމީދު ކެނޑުމާއެކު، އާއިލާތަކުން މިހާރު ވަނީ އެ މީހުންގެ ޣައިބުގައި ކަށުނަމާދު ކޮށްފައެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ހަޤީޤީ ސަބަބު ހާމަވުމަކީ އާއިލާތަކަށް ނުހަނު ބޭނުންތެރި ކަމެކެވެ.

"ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭ. ދާޚިލީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ލިބެންހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ހިފަންޖެހޭ. އަހަރެމެން ބޭނުންވަނީ ހާމަކަން ބޮޑު ތަހުޤީޤެއް،" ބޯޓުގެ ކެޕްޓަން ރިޒްވާން އިދްރީސްގެ ދަރިފުޅު ޔާޝިބް ރިޒްވާން ބުންޏެވެ.

މީގެ އިތުރުން، ބޯޓުގެ އިންޖިނިއަރު މުހައްމަދު އާރިފް ސިއްދީޤީގެ ދަރިފުޅު އަބްދުއްރަފާޢީ ސިއްދީޤީ ވެސް ވަނީ ބޭނުންވެއްޖެ ޙާލަތެއްގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ޕާކިސްތާނުގެ ސަރުކާރަށް ގޮވާލާފައެވެ.

ޕާކިސްތާނުގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި، އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީން ފުރައިގެން ކަރާޗީއަށް ދަތުރުކުރި މި މަތިންދާބޯޓުގެ ނޭވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން އުޅޭކަމަށް ޕައިލެޓުން ރިޕޯޓްކުރީ ރޭގަނޑު 9:18 ހާއިރެވެ.

ފްލައިޓްރެޑާ24 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މައްސަލަ ރިޕޯޓްކުރިތާ 3 މިނެޓު ފަހުން ބޯޓާ މުވާސަލާތީ ގުޅުން ކެނޑުނެވެ. ބޯޓު ވަނީ އެއް މިނެޓަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 5,000 ފޫޓަށް ތިރިވެ، އޭގެ ފަހުން 30 ސިކުންތުގެ ތެރޭގައި އަނެއްކާވެސް 6,000 ފޫޓަށް މައްޗަށް އަރައި، އެއަށްފަހު 36,550 ފޫޓު މަތިން ކަނޑާ ދިމާލަށް ކުއްލި ގޮތަކަށް ވެއްޓިފައެވެ.

ބޯޓު ކަރާޗީއަށް ފުރުމުގެ ކުރިން ޔޫއޭއީގައި 10 ދުވަސް ވަންދެން މަޑުކުރިއެވެ. އާއިލާތަކުން ބުނި ގޮތުގައި، ބޯޓު މަރާމާތުކުރުމުގެ މައްސަލައަކާ ގުޅިގެން އެމެރިކާއިން ގެންނަންޖެހޭ ސްޕެއާ ޕާޓްސްތަކެއް ލިބެންދެން ޕައިލެޓުން ތިބީ އިންތިޒާރުގައެވެ.

މި ހާދިސާ ހިނގިތާ ހަފުތާއެއް ވެފައިވާއިރުވެސް ޕާކިސްތާނުގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ބޭރުގެ އެހީތެރިކަމަށް އެދިފައިވޭތޯ ކުރެވޭ ސުވާލުތަކަށްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މީގެ އިތުރުން ކޭ2 އެއާވޭސްއިންވެސް ވަނީ މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފައެވެ.