ވިޔަފާރި

ގަން - ކޮލަމްބޯ ދަތުރުތަކުގެ ޓިކެޓް އަންނަމަހު ވިއްކަން ފަށަނީ


ސްރީލަންކަން އެއަރލައިންސް އިން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ކުރާ ސީދާ ދަތުރުތަކުގެ ޓިކެޓް އަންނަމަހު ވިއްކަން ފަށާނެކަމަށް އެއަރލައިންއިން ހާމަކޮށްފިއެވެ. 

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް ޓްރެވަލްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ގަމާއި ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތައް ފަށަން އެ އެއަރލައިން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ދަތުރުތައް ފަށާނީ ޑިސެމްބަރު އެއްވަނަ ދުވަހު ކަމަށް ފިރާގް ވިދާޅުވިއެވެ. 

ޓިކެޓް ވިއްކުން އަންނަ މަހުފެށިނަމަވެސް މިހާރުވެސް ރިޒަވޭޝަން ހެއްދޭނެކަމަށް އެއަރލައިނުން މަޢުލޫމާތުދެއެވެ. ސްރީލަންކާއާއި ގަމާދެމެދު ދަތުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއަރލައިންގެ ފްލައިޓް ޔޫއެލް 119 އާއި ޔޫއެލް 120އެވެ. ޔޫއެލް 119 ކޮލޮމްބޯއިން ސީދާ ގަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ޔޫއެލް 120 ގަމުން ކޮލޮމްބޯއަށް ދަތުރުކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ގަމާއި ކޮލޮމްބޯއާ ދެމެދު، ހަފްތާއަކު ހަތަރު ފްލައިޓް އޮންނާނެކަމަށް ސްރީލަންކަން އެއަރލައިންސްއިން މައުލޫމާތުދެއެވެ.