ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިންގާދިޔައެވެ. ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވި ޚަބަރު ލިބުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައި ވަނީ ޖުލައި 12 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ޤަޠަރުގެ ވެރިކަން ކުރައްވާފައި ވަނީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.
(13 ޖުލައި) ޤަޠަރުގެ ކުރީގެ އަމީރު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރަސްމީގޮތުން ހިތާމަ ފާޅުކުރުމަށް، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރައްވާފައިވަނީވެސް މިދިޔަ ހޯމަ ދުވަހުއެވެ. ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަން ކުރެއްވުގެ ގޮތުން ކަމަށެވެ.
(13 ޖުލައި) ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަތަރަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. (13 ޖުލައި) ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވާފައިވަނީވެސް ހޯމަ ދުވަހުއެވެ. ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
(16 ޖުލައި) ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީން ކޯސް ނިންމި ދަރިވަރުން ހުވާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނާ ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
(14 ޖުލައި) ނިމެމުން މިދާ ފުޓުބޯޅައިގެ ބޮޑު ޢީދު، ފީފާ ވޯލްޑް ކަޕުގެ ފޯރިން ދިވެހިން މަހުރޫމުވިޔަ ނުދީ، މި ޢީދުގައި ދިވެހިން ޝާމިލުކޮށްދިނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަމަށާއި، މިއީ ޝުކުރު ހައްގު މަސައްކަތެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހު ޕީއެސްއެމް ވޯލްޑް ކަޕް ކަވަރޭޖް 2026ގައި ހަރަކާތްތެރިވި ޕްރެޒެންޓަރުންނާއި އެނަލިސްޓުން އަދި ކޮމެންޓްރޭޓަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ޕީއެސްއެމް ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައިއެވެ. ނައިބުރައީސް ވަނީ، މެޗުތަކަށް ޙާއްސަކޮށް ޕީއެސްއެމް އިން ގެނެސްދޭ ޝޯވތައް މެދުވެރިކޮށް، މުހިންމު އައު މައުލޫމާތުތަކެއް އެމަނިކުފާނަށާއި ދިވެހި ރައްޔިތުންނަށްވެސް އެނގިގެންދާ ކަމަށް ވިދާޅުވެފައެވެ.
(12 ޖުލައި)"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި އޮފީސް އުފައްދަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
(14 ޖުލައި) އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލަށް މައިގަނޑު 3 އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
(11 ޖުލައި) ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއިންތިޚާބު 119 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. 40،000 މެންބަރުންނަށް ވޯޓުލުމުގެ ހައްޤު ލިބިނުއިރު ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %85 މީހުން ވޯޓުލާފައިވާކަމަށާއި އެއީ، ގާތްގަނޑަކަށް 33،000 މީހުން ކަމަށް ޕީއެންސީއިން މައުލޫމާތުދީފައިވެއެވެ.
(12 ޖުލައި) ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރާއްޖެއިން އުމްރާ އަދި ހައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައު އެތަށް ޚިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.
(13 ޖުލައި) ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. (13 ޖުލައި)
މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވައިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ދެތަން ހުޅުވައި ދެއްވީ މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ. މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. މިއީ މިސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ޤާއިމްކުރެވުނު އައިސް ޕްލާންޓެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. ކަނޑުއޮތްގިރީގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ، މިތަނުން ޖުމްލަކޮށް ހުރިހާ މަސްވެރިންނަށް ޚިދުމަތްދޭނެ ކަމަށެވެ.
(15 ޖުލައި) ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތަޢާރަފުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. "ޔޫތު އެންޓްރަޕްރަނަރސް އެކްސްޕޯ" ގައި މި ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
(15 ޖުލައި) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ޚިދުމަތްފަށައި ބޭންކިންގ ވިއުގަ ފުޅާކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ބްރާންޗުތައް ހުރި ރަށްތަކަކީ، ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށްގައެވެ.
(15 ޖުލައި) ބައިނަލްއަޤްވާމީ މަޝްހޫރު ޝިޕިން ކުންފުނި އެވަގްރީން ލައިންގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެވަގްރީން ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށްދެނި ޤައުމީ އާގު ބޯޓު ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން މެދުވެރިކޮށެވެ.
(12 ޖުލައި) ނިމުނު ހަފުތާގައި މާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިންގާފައެވެ. ބޮޑުތަކުރުފާނު މަގުގައި ހިނގި މި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، އެދުވަހު 15:57 އެހާކަންހާއިރުއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާލެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
(16 ޖުލައި) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވީ ނިމުނު ހަފުތާގެތރޭގައެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ.
(16 ޖުލައި) އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކުރަން ޑިޖިޓަލް ޕޯޓަލެއް އިފްތިތާހުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ގީލާ ޢަލީއެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ތަޢާރަފްކުރި އިތާ ޕޯޓަލްއަކީ، އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ތަޢާރަފްކުރި ޕޯޓަލްއެކެވެ.
(16 ޖުލައި) ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުންގެ ޗުއްޓީ ފެށުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓުފޮތް ދީފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގައެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
(16 ޖުލައި) ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ގެ ފަޚުރުވެރި އެއް ވަނަ ހއ.އިހަވަންދޫ، ބުލްބުލާގެ މަރްޔަމް ޝަހާމާ ހާސިލްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ފިނާލޭގައި ޝަހާމާއަށް، 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، ފަރީ ޙައްޖު އުމްރާއިން ދޭ ޢުމްރާ ދަތުރު ހަވާލުކޮށްދެއްވީ ހަލްފާގެ ޝަރަފްވެރި މެހެމާން، ތަރިކަ އާއި ސަޤާފަތާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މުބާރާތުގެ 1 ވަނަ ހާސިލްކުރުމާއި ގުޅިގެން، އޭނާ އަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.