ޚަބަރު

މަދަނީ ބިނާރަށް ހަމަލާދީ އީރާނުގެ 7 މީހުން ޝަހީދުކޮށްލައިފި


  • ޤަޠަރު، އިރާޤު، ސޫރިޔާ އަދި އުރުދުންގަައި ހުންނަ އަސްކަރީ ވަސީލަތްތަކަށް އީރާނުން ހަމަލާ އަމާޒުކުރި

  • އެމެރިކާގެ ހަމަލާތަކުގައި ހަފްތާއެއްތެރޭ އީރާނުގެ 30 އަށްވުރެ ގިނަ މީހުން ޝަހީދުވި

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދީ، ހަތް މީހުން ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލައިފިއެވެ. މި ގެއްލުންތައް ދީފައި މި ވަނީ، ޖެހިޖެހިގެން ހަ ވަނަ ދުވަހުގެ ޙަމަލާތަކުގައެވެ. މި ޙަމަލާތަކުގައި ބްރިޖުތަކާއި، ރޭލު ސްޓޭޝަންތަކާއި، ވައިގެ ބަނދަރަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ބޫޝަހްރުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ގިނަ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮތް އީރާންގެ ރަށްތަކަށެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ގޮތުން، އުރުދުންގަައި ހުންނަ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ވައިގެ ބަނދަރަކަށް މިސައިލް ޙަމަލާތަކެއް އަމާޒުކުރިއެވެ. ޙަމަލާތައް މެދުކަނޑައިލާފައި ނެތް ނަމަވެސް ވައިޓް ހައުސްއިން ބުނީ ޚާރިޖީ މަޝްވަރާތަކަށް އަބަދުވެސް ތައްޔާރު ކަމުގައެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ޙިޞާރުކޮށްފައިވާއިރު، ޢުދުވާން ހުއްޓައިނުލައިފިނަމަ ސަރަހައްދުގެ އުމްރާނީ ވަސީލަތްތައް ފުނޑުފުނޑުކޮށްލާނެ ކަމުގައި ބުނެ ތެހްރާނުން ވަނީ އިންޒާރު ދީފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހު އެމެރިކާއިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 30 އަށް އުފުލިފައެވެ.

އުރުދުންގެ އިތުރުން، ސޫރިޔާގެ އަލް-ތަނަފުގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒަކަށް ވެސް އައިއާރްޖީސީން ވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. މިއީ، އީރާންޝަހްރަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކެއްގައި އައިއާރްޖީސީގެ އޮފިސަރަކު ޝަހީދުކޮށްލުމުން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ޙަމަލާއެއް ކަމުގައި އެ ލަޝްކަރުން ބުނެއެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު ދަމަހައްޓާނެ ކަމަށާއި، އެމެރިކާގެ ޙަމަލާތައް ހުއްޓައިލަންދެން އެ ކަނޑުއޮޅިން ތެލާއި ގޭސް އުފުލުމުގެ ފުރުޞަތު ނުދޭނެ ކަމުގައި ވެސް ތެހްރާނުން އިންޒާރު ކުރިއެވެ. އުރުދުނާއި ސޫރިޔާގެ އިތުރުން ޢިރާޤުގެ ސުލައިމާނިއްޔާއަށް ވެސް ޙަމަލާތަކެއް ދީފައިވާއިރު، އެއީ އައިއާރްޖީސީގެ ޙަމަލާތަކެއް ކަން ކަށަވަރު ކުރެވިފައެއް ނެތެވެ. ނަމަވެސް، ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް އައިއާރްޖީސީގެ ޙަމަލާތައް އަމާޒުކޮށްފައިވާ ކަން އެ ލަޝްކަރުން ކަށަވަރު ކޮށްދިނެއެވެ.

ޤަޠަރުގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމަށް އަމާޒުކުރި މިސައިލް ޙަމަލާތައް ދިފާޢުކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، މިސައިލެއް ދިފާޢުކުރުމުގެ ތެރޭގައި ވެއްޓުނު ބައިތަކެއްގެ ސަބަބުން ކުޑަކުއްޖަކު ޒަޚަމުވި ކަމުގައި ޤަޠަރުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. ބަޙްރައިނަށް ވެސް އައިއާރްޖީސީގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު، އެ ޤައުމުގެ ބޮޑެތި ރަށްތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު އިވެމުން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބަޙްރައިނަށް ދީފައިވާ ބައެއް ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޞަޚީރު ވައިގެ ބަނދަރުގައި ހުރި އެމެރިކާގެ އަސްކަރިއްޔާގެ ޖާސޫސީ މަތިންދާބޯޓުތަކަށެވެ. އީރާންގެ ޙަމަލާތައް ދިފާޢުކުރުމަށް ބަޙްރައިންގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގައި އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.