ޚަބަރު

މެސީގެ ރައްދު: މިކާމިޔާބީއަކީ ބަޔަކު ދިން ހަދިޔާއެއް ނޫން


  • މެސީއާއި އާޖެންޓީނާއަށް ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރަމުން

  • މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ވަނީ ދަތުރުކޮށްފައި

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލްގެ ޖާގައެއް މިހާރު ކަށަވަރުކޮށްފައިވާ އާޖެންޓީނާއާ ގުޅުވާ ކިޔަމުންދާ ފާޑުކިޔުންތަކަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލެ މެސީ ރައްދު ދީފިއެވެ.

މި މުބާރާތުގައި އާޖެންޓިނާ ސީޑު ކުރެވިފައިވާ ގޮތާއި، ފުރަތަމަ ބުރުގައި އެ ޓީމު ކުޅުނު ގުރޫޕުގެ އިތުރުން ނޮކްއައުޓް ސްޓޭޖުގައި އާޖެންޓީނާއާ ކުޅެން ޖެހުނު މެޗުތަކާ ގުޅިގެން ގިނަބައެއް ފާޑުކިޔުންތައް އެ ޓީމަށާއި ފީފާ އަށް އަމާޒުވެފައިވެއެވެ.

އެގޮތުން މުބާރާތުގެ ގުރު ނެގިއިރު ފުރަތަމަ އާޖެންޓީނާގެ ނަންކޮޅު ހިމެނުނީ ގްރޫޕް "އައި" ގައި ކަމަށާއި އެހެންނަމަވެސް ބައެއް ކަންކަމަށް ރިއާޔަތްކުރުމަށްފަހު އާޖެންޓީނާ ގްރޫޕް ޖޭގައި ހިމަނާފައިވާއިރު އެ ޓީމަށް މުބާރާތުގައި ޖެހުނީ މާ ފަސޭހަ މެޗުތަކެއް ކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ.

މީގެއިތުރުން، މުބާރާތުގެ ސެމީ ފައިނަލާ ޖެހެންދެން އާޖެންޓީނާއަށް، ރޭންކިންގައި ގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ނުޖެހޭކަމަށާއި، ފީފާއިން ގަސްތުގައި، އާޖެންޓީނާއަށް ފަސޭހަ މަގެއް ހޯދައިދިނީކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އައީ ކުރަމުންނެވެ.

އަދި، އާޖެންޓިނާ ކުޅޭ މެޗުތަކުގައި 50/50 ނިންމުންތަކުގައި ރެފްރީން މުޅިންވެސް ނިންމަނީ އާޖެންޓީނާ ކޮޅަށް ކަމަށާއި މެޗުތަކުން އެ ޓީމު މޮޅުކޮށްދިނުމަށް ރެފްރީން އުސޫލުން ބޭރުން ކަންކުރާ ކަމުގެ ތުހުމަތުތައްވެސް އަންނަނީ ކުރަމުންނެވެ.

މި ތުހުމަތުތަކާއި ފާޑުކިޔުންތަކަށް ރައްދު ދެމުން މެސީ ބުނީ، މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށާއި މިއީ ބަޔަކު ހިލޭ ދިން ފުރުސަތުތަކެއްގައި ހާސިލްކުރި ކަމެއް ނޫން ކަމަށެވެ.

ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ، މި މުބާރާތުގައި އާޖެންޓީނާއިން ދައްކަމުންދާ މޮޅު ކުޅުމާއި ނެރޭ ނަތީޖާތަކުގެ ސަބަބުން އެކަމާ ދެރަވާ ބަޔަކު ތިބި ކަމަށެވެ. އަދި އެފަދަ މީހުން އެކަމާ ދެރަވެގެން ދައްކާނެ ވާހަކައެއް ދައްކަންވީ ކަމަށާއި އެހެންނަމަވެސް މުބާރާތުގެ ފައިނަލާ ހަމައަށް އައި އެއްވެސް މީހަކު ހޯދައިދިން ފުރުސަތަކުން ނުވަތަ ދިން ހަދިޔާއަކުން ނޫންކަމަށް މެސީ ބުނެފައިވެއެވެ.

އާޖެންޓީނާއަށް މިފަހަރުގެ މުބާރާތުގައި ކާމިޔާބީ ހޯދިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށާއި އެހެންނަމަވެސް އޭނާއަށް، ޓީމާއިމެދު ވަރަށް ބޮޑު އިތުބާރެއް އޮތްކަމަށް މެސީ ބުންޏެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ، މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ އާ ދެކޮޅަށް 0-3، އޮސްޓްރިއާ އަތުން 0-3 އަދި އުރުދުން އަތުން 1-3 އިން ވަނީ މޮޅުވެފައެވެ.

މުބާރާރުގެ ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ ކުޅުނީ ކޭޕް ވާޑޭއާ ދެކޮޅަށެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 2-3 އިންނެވެ. މުބާރާތުގެ ނޮކްއައުޓް ބުރުގައި ހުރިހާ މެޗަކުންވެސް އާޖެންޓީނާ މޮޅުވެފައި ވަނީ ވަރަށް އުނދަގުލުންކަން ފާހަގަކޮށްލެވެއެވެ.

ގަދަ 16 ބުރުގައި އާޖެންޓީނާއިން މިޞްރާ ދެކޮޅަށް ނުކުތްއިރު އެ މެޗުގައި މިޞްރުން ދެ ލަނޑު ޖަހާފައިވަނިކޮށް އާޖެންޓީނާއިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހައި މެޗުން މޮޅުވެފައެވެ. އަދި ކުއާޓަރ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅެ 1-3 އިން އާޖެންޓީނާ މޮޅުވެފައިވާއިރު އެ މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ. މެޗުން އާޖެންޓީނާ މޮޅުވީ އިތުރުވަގުތުގެ ދެވަނަ ހާފުގައި ޖެހި ދެ ލަނޑުންނެވެ.

ސެމީ ފައިނަލުގައި އާޖެންޓީނާއިން އިންގްލޭންޑާ ދެކޮޅަށް ނުކުތްއިރު އެ މެޗުގައިވެސް އިންގްލެންޑުން ލީޑުގައި އޮވެ މެޗު ނިންމާލަން ދަނިކޮށް އާޖެންޓީނާ މި މެޗު ކާމިޔާބުކުރީ 90 މިނެޓުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ޖެހި ލަނޑަކާއި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޖެހި ލަނޑަކާ އެކުއެވެ.

މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ އަންނަ އާދިއްތަ ދުވަހުގެރޭ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.