ފީފާ ވޯލްޑްކަޕްގެ ފައިނަލުގައި ސްޕެއިން އާއި އާޖެންޓީނާ އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާއިރު މިއީ ކުރީގެ ދަރިވަރާއި ދެކޮޅަށް ސްޕެއިންގެ ކޯޗު ލުއިސް ޑިލަފުއެންޓޭ ނިކުންނަ ފުރަތަމަ ފަހަރެވެ.
ފީފާ ވޯލްޑްކަޕްގެ ފައިނަލުގައި އެންމެ ފަހުން ކުޅެ މުބާރާތުގެ ތަށި ހޯދިތާ 16 އަހަރު ފަހުން ވޯލްޑްކަޕްގެ ފައިނަލަށް ސްޕެއިން ނިކުންނައިރު, އާޖެންޓީނާގެ ކޯޗު ލަޔޮނެލް ސްކެލޯނީ އަކީ ސްޕެނިޝް ފުޓްބޯލް އެސޯސިއޭޝަނުގެ ކޯޗިން އެކަޑެމީ އިން ކޯޗިން ކިޔެވި މީހެކެވެ. އަދި އޭގެ އޭނާއަށް ކިޔަވައިދިން އެއް އިންސްޓްރަކްޓަރަކީ ސްޕެއިންގެ މިހާރުގެ ކޯޗު ލުއިސް ޑިލަފުއެންޓޭ އެވެ.
2015 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ސްކެލޯނީ ކޯޗިން ކޯސް ހަދާފައިވަނީ 2017 ވަނަ އަހަރު އެވެ. އޭރު ސްކެލޯނީގެ ކޯޗިންގެ ހަޔާތް ފަށާފައިވަނީ ޑިލަފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިންގަ އެވެ.
ވޯލްޑްކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ދެކޮޅަށް ސްޕެއިން ނިކުންނައިރު ޑިލަފުއެންޓޭ ބުނެފައިވަނީ ސްކެލޯނީ އަކީ މާސްޓަރ އެއް ކަމަށާއި އޭނާގެ ކޮލިޓީ ކޯޕާ އެމެރިކާގެ އިތުރުން އެންމެ ފަހުގެ ވޯލްޑްކަޕުން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ސްކެލޯނީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ލަލީގާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފަ އެވެ. އަދި އޭނާ ސްޕެއިންގެ މީހަކާއި ކައިވެނިކޮށްގެން އުޅޭއިރު ސްކެލޯނީގެ ކުދިން އުފަންވެ ދިރިއުޅެމުންދަނީ ސްޕެއިންގެ މަޔޯކާ ގައެވެ.
ވޯލްޑްކަޕްގެ ފައިނަލުން ސްޕެއިން ފުރުސަތު ހޯދާފައިވަނީ ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކުރުމަށްފަހުގަ އެވެ. އަދި އާޖެންޓީނާ ވަނީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށްފަ އެވެ.
އާޖެންޓީނާ އިން މި ފަހަރުގެ ފައިނަލަށް ނިކުންނަނީ 1962 ވަނަ އަހަރަށްފަހު ފީފާ ވޯލްޑްކަޕްގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ އަޒުމުގަ އެވެ.