ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ޣަައްސާން މައުމޫނަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ރޭ ދަރުބާރުގޭގައި ޕީޕީއެމަށް ބައެއް މެމްބަރުން ގުޅުމަށް ބޭއްވި ޖަލްސާގައި ޣަައްސާން މައުމޫންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޣައްސާން މައުމޫނަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ޣައްސާން މައުމޫނަކީ ސިޔާސީ ގޮތުން އުޖާލާ މުސްތަޤްބަލެއް އަދި ކުރިމަގެއް އޮތް ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޤައްސާން މަޖިލީހަށް ހޮއްވަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މީގެ ކުރިން ތިމަރަފުށީ ދާއިރާއަށް ޣައްސާން ކުރިމަތިލައްވައިގެން އެރަށަށް ވަޑައިގެން ޣައްސާނާއިއެކު ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ވިދާޅުވިއެވެ. އެ ކެމްޕޭންގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ކެމްޕޭނުގެ ތެރޭގައި، ތިމަރަފުއްޓަށް ވަޑައިގަންނަވާނެ މާގިނަ ބޭފުޅުން ނުވި ކަމަށާއި، ޣައްސާނާ އެކު ތިމަރަފުއްޓަށް ވަޑައިގެންނެވި ބޭފުޅުންނާ މެދު ޢަމަލުކުރީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އެއިރު ޣައްސާނު ހޮވުމަށް އެންމެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވީ، މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުޙަައްމަދު މުސްޠަަފާގެ ފަރާތުން ކަމަށާއި، ތިމަރަފުށްޓަށް ނޭރި، 17 ގަޑިއިރުވަންދެން ކަނޑުމަތީގައި ހޭދަކުރައްވަން ޖެހިވަޑައިގަތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައްސާނަށް ތިމަރަފުށި ގޮނޑި ކާމިޔާބުކުރެއްވުނު ނަމަ އެއީ ލިބުނު ފަޚުުރަކަށް ވެފައި، އަދި ލިބުނު ޝަރަފުވެރި ގޮނޑިއަކަށް ވާނެ ކަމަށެވެ.
ޣައްސާން މައުމޫނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، ޣައްސާން މައުމޫނަކީ ސިޔާސީ މުސްތަޤުބަލެއް އޮތް ބޭފުޅެއްކަމަށެވެ.
"17 ގަޑިއިރަށް ވުރެ ގިނަ ވަގުތު މުސްތަފާ ކުރެއްވި އުނދަގުލާ އެކީ އަޅުގަނޑުމެން ކަނޑުމަތީގައި ތިބިން. އެކަމަކު ކަނޑުމަތީގައި ތިބިއިރު މިއަދު މުސްތަފާ އެ އިންނެވީ އަޅުގަނޑުމެންގެ ހިޔާވަހި ކަމުގެ ދަށުގައި. މިއީ ޑިމޮކްރަސީއަކީ. ފިކުރު ބަދަލުވާ ގޮތަކީ ވެސް މިއީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫންގެ އާއިލީ ބޭފުޅުންގެ ތެރެއިން ޣައްސާން މައުމޫން ފިޔަވާ އެހެން ހުރިހާ ބޭފުޅުންވެސް ތިއްބެވީ ރައީސް މައުމޫނުގެ ފަހަތްޕުޅުގައެވެ. ޕީޕީއެމް ތެރޭ ހިޔާލު ތަފާތުވުންތައް ބޮޑުވެ ބައިބައިވެފައިވާއިރު ޣައްސާން މައުމޫންް ގެންދަވަނީ އެމަނިކުފާނުގެ ބައްޕާފުޅު ރައީސް މައުމޫން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ކައުންސިލް ބައްދަލުވުންތަކާއި ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކުގައިވެސް ބައިވެރިވެޑަައިގަންނަވަމުންނެވެ.