ޚަބަރު

"ބީއާރުޕީގެ ކުރިއަށްއޮތް ސީޒަންގެ އޮޑިޝަން ބާއްވާނީ އަތޮޅުތަކުގައި"


  • ނިމުނު ސީޒަންގެ ގަދަ 3 ބައިވެރިން ނިސްބަތްވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް

  • ކުރިއަށް އޮންނާނީ މުބާރާތުގެ 8ވަނަ ސީޒަން

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ 8ވަނަ ސީޒަންގެ ފުރަތަމަ ބުރު ކުރިއަށްގެންދަން ބޭނުންވަނީ އަތޮޅު ތަކުގައިކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ ވަނަތައް ހޮވައި އިނާމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަކީބް ޕީއެސްގެ އެމްޑީ ވިދާޅުވީ، ޕީއެސްއެމުން އަބަދުވެސް މަސައްކަތްކުރަނީ ބެލުންތެރިންނާ ގުޅުންހުރި، ޝައުގުވެރިވާނެ ޕްރޮގްރާމްތައް ގެނެސްދިނުމަށް ކަމަށެވެ. ބެސްޓް ރޭޑިއޯ ޕްރެޒެންޓަރއަކީ އެފަދަ މުބާރާތެއްކަންފާހަގަކުރައްވާ ޝަކީބް ވަނީ އެ ޕްރޮގްރާމްގެ ޓީމަށް ތައުރީފްކުރައްވާފައެވެ.

އެމްޑީ ވިދާޅުވީ ރާއްޖޭގެ ރަށްތައް އޮންނަ ގޮތުން އާއްމުންނާއި ގުޅުވައިގެން ޕްރޮގްރާމްތައް ގެނެސްދިނުމަށް އަދިވެސް ގޮންޖެހުން ކުރިމަތިވާކަމަށެވެ. ބެސްޓްރޭޑިއޯ ޕްރެޒެންޓަރއަކީ ކޮންމެ ސީޒަނަކާއި އެކު ކުރިއަރަމުން އަންނަ މުބާރާތަކަަށް ވުމާއި އެކު، އެ މުބާރާތުގެ ބައެއް ބައިތައް އަތޮޅުތެރޭގައި ގެނެސްދިނުމަކީ ކުރެވިދާނެކަމެއްކަމަށްވެސް އެމްޑީ ޝަކީބް ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ގިނަ ތަމްރީންތަކެއް ދޭކަންވެސް އެމްޑީ ފާހަގަކުރެއްވިއެވެ.

"ވާހަކަދެއްކުމާއި، ހުށަހެޅުމާއި، ލިޔުމާއި، މިފަދަ ތަމްރީންތަކުގެ ތެރެއިން މި ކުދިން ބައްޓަންވެގެން މި އަންނަނީ" އެމްޑީ ޝަކީބް ވިދާޅުވިއެވެ.

ބެސްޓްރޭޑިއޯ ޕްރެޒެންޓަރ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ގެނެސްދެނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަމަށް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7 ގެ ފަޚުރުވެރި އެއް ވަނަ ހާސިލްކޮށްފައި ވަނީ ހއ.އިހަވަންދޫ، ބުލްބުލާގެ މަރްޔަމް ޝަހާމާއެވެ. މުބާރާތުގެ 2 ވަނައަށް ރ.ފައިނު، އައްސޭރި، ނަފްޙާ ނަސީމް ހޮވުނު އިރު، 3 ވަނަ ހާސިލްކުރީ ށ.މިލަންދޫ، އަންނާރުމާގެ، މަރްޔަމް ޘާނީއެވެ.

ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ މި ޝޯއަކީ ރާއްޖޭގެ އެންމެ މަޤްބޫލް އެއް ރިއަލިޓީ ޝޯއެވެ. މި މުބާރާތުގެ ތެރެއިން، ރޭޑިޔޯގައި ޕްރެޒެންޓަރަކު ކުރަންޖެހޭ ތަފާތު މަސައްކަތްތަކުގައި ބައިވެރިންގެ ހުނަރު ހުރި މިންވަރު ވަޒަންކުރުމުގެ އިތުރުން ބައިވެރިންނާއި ގުޅުން ހުރި ޝައުގުވެރި، ވާހަކަތައް ވަނީ ގެނެސްދީފައެވެ.