ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށް މަތީ ދަރަޖައަކަށް ވައި ނުސާފު ވުމުގެ މައްސަލަ ކުރިމަތިވެ އެކަމުގެ އަސަރު ފައިނަލަށް ކޮށްފާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ކެނެޑާގެ ޖައްގަލިތަކުގައި ރޯވެފައިވާ އަލިފާން ގަނޑުން އަރަމުންދާ ދުމުގެ އަސަރު އަންނަނީ ނިއުޔޯކް ސިޓީއަށް ވަރަށް ބޮޑަށް ކުރަމުންނެވެ. މިގޮތުން ރޭގެ ވަގުތެއްގައި ނިއުޔޯކް ސިޓީއަށްވަނީ އެއަރ ކޮލިޓީގެ އިންޒާރު އާންމުކޮށްފައެވެ. މޫސުން ލަފާކުރާ ފަރާތްތަކުން ހޮނިހިރު ދުވަރު ވާރޭ ވެހޭނެކަމަށް ލަފާކުރަމުންދާތީ މިކަމުގެ ސަބަބުން މިކަމުގެ އަސަރު ކުޑަވާނެކަމަށްވަނީ ބެލެވިފައެވެ.
82 ހާސް 500 މީހުންގެ ޖާގައިގެ ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗަށް ވަރަށް ފުރިހަމައަށް ފީފާއިން ތައްޔާރުވަމުންއަންނައިރު އަދިވެސް ބައެއް ޓިކެޓް ނުވިކިވާކަން ފީފާ ރީސޭލް ސައިޓްތަކުން ހާމަވެގެންދެއެވެ. މިގޮތުން 7 ހާސް 380 އެމެރިކާ ޑޮލަރާއި 29 ހާސް 995 އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދަށް ޓިކެޓް އަދިވެސް ގަންނަން ލިބެން އެބަހުއްޓެވެ.
މިމުބާރާތުގެ ފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ ފަރަންސޭސިވިލާތް ސެމީފައިނަލްގައި ބަލިކުރި ސްޕެއިން އާއި ދެވަނަ ސެމީ ފައިނަލްގައި އިންގްލަންޑް ބަލިކުރި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއެވެ. މިއާއެކު މިފަހަރުގެ ފައިނަލް ވެފައިވަނީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ފިފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ. ހަމައެއާއެކު އާޖެންޓީނާ މިމުބާރާތް ކާމިޔާބު ކޮށްފިނަމަ އެޓީމު ވެގެންދާނީ 1962 ވަނަ އަހަރު ބްރެޒިލް އަށްފަހު ޖެހިޖެހިގެން ވޯލްޑް ކަޕްގެ ދެ މުބާރާތް ކާމިޔާބު ކުރާ ފުރަތަމަ ޓީމަށެވެ. މީގެއިތުރުން ވޯލްޑް ކަޕްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ހާފް ޓައިމް ޝޯ ބާއްވާގޮތަށްވެސް ފީފާއިން ވަނީ ނިންމާފައެވެ. އަދި މިއީ 2010 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރިފަހުން ސްޕެއިން އިން މިމުބާރާތުގެ ފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.