ޚަބަރު

އެތެރޭގެ އިންތިޚާބަށްފަހު، ޕީއެންސީން ޕާޓީގެ މަތީ މަޖިލީހުގެ ތައްޔާރީތަކަށް


  • މަތީ މަޖިލިސް ބާއްވަނީ ސެޕްޓެމްބަރު 15 އިން 18އަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު މިހާރު މިވަނީ އިންތިޚާބުވި މެންބަރުންނާއެކު ޕާޓީގެ ސްޓިއަރިން ކޮމެޓީތައް އަލުން އެކުލަވާލައި އިއުލާންކޮށްފައެވެ. ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 2500އަށް ވުރެ ގިނަ މަޤާމަށް މެންބަރުން އިންތިޚާބުކޮށްފައިވާއިރު، މިހާރު އެޕާޓީން ތައްޔާރުވަމުންދަނީ
މަތީ މަޖިލިސް ބޭއްވުމަށެވެ.

ވާދަވެރި ކެމްޕެއިންއަކަށް ފަހު ބޭއްވި މި އިންތިޚާބު ވެގެންދިޔައީ ސަރުކާރު ޕީއެންސީގެ ކުރިމަގަށް އެޅި ރަނގަޅު ފާލަކަށްކަމަށް އެޕާޓީން ބުނެއެވެ. ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައިއޮތް ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން މި އިންތިޚާބުގައި ވޯޓުލުމަކީ ޕާޓީގެ އެތެރޭގެ ހިންގުމާއި ސިޔާސަތުތަކަށް އާއްމު މެމްބަރުންގެ ޝައުގުވެރިކަން އޮތްކަމުގެ ރަމްޒެއްކަމުގައި އެ ޕާޓީއިން ޤަބޫލުކުރެއެވެ. ޕީއެންސީގެ އިސް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި މި އިންތިޚާބުން އާޢްމުން ޕާޓީ އަށް ދިނީ ޕޮޒިޓީވް މެސެޖުތަކެކެވެ.

އެގޮތުންމ ބަލާއިރު، އިންތިޚާބާއި ގުޅޭގޮތުން، ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ އިންތިޚާބުން ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރުކަމަށެވެ. އަބްދުއްރަހީމް އެފަދައިން ފާހަގަކުރެއްވި މައިގަނޑު ސަބަބަކީ ޕީއެންސީގެ މަތީ ފަޑީގައި އާއްމުން ރަމްޒުކުރާނެ މީހުން ހޮވުމަށް ބޭއްވި އިންތިޚާބުގައި %85 މީހުން ވޯޓުލާފައިވުމެވެ. މާލެ ހިމެނޭހެން، 119 ރަށުގައި ބޭއްވި މި އިންތިޚާބަށް ވަކިވަކި ރަށްތަކުން ދެއްކި ޝައުގުވެރިކަމަކީ ވެސް ޕާޓީގެ ހިންގުން އިތުރަށް ކުރިއަރުވަން ލިބުނު ހިތްވަރެއްގެ ގޮތުގައި ޕީއެންސީގެ އިސް ފަރާތްތަކުން ސިފަކުރައްވައެވެ.

"މީގެއިން އަޅުގަނޑުމެންނަށް މި އިނގިގެންދަނީ އަޅުގަނޑުމެންގެ ޕާޓީއާއި ދޭތެރޭގައި ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު އަދި މި ޕާޓީގެ ސަރުކާރާއި އަދި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު މީގެއިން މި ދައްކައިދެނީ." ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އެތެރޭގެ އިންތިޚާބަށް އޮންނަ ތާއީދަކީ ޕާޓީގެ ފޯރިއާއި ޖޯޝު ދެނެގަތުމުގައި ބޭނުންކުރާ އެއް މިންގަނޑެވެ. އެހެންކަމަށް ވާއިރު ޕާޓީގެ އިސް ސަފު ފުރާލުމާއި އެކު މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޓީމުތައް ރާވާލުމުގެ ފެށުން ކަމަށް ޕާޓީގެ ޗެއަރޕަރސަން ޤަބޫލުކުރައްވައެވެ. މީގެއިތުރުން އެތެރޭގެ އިންތިޚާބެއްގައި 2000-3000 މީހުން ވާދަކުރުމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކަމުގެ ރަމްޒެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

ވާދަވެރި އިންތިޚާބަކަށް ފަހު، މިވަގުތަކީ ނަތީޖާ ޤަބޫލުކޮށް ޕާޓީ އިތުރަށް މެކުހަށް ޖަހަން އަތުކުރި އޮޅާލަންވީ ވަގުތުކަމަށް އެ ޕާޓީއިން ޤަބޫލުކުރެއެވެ. ޕާޓީގެ ހިންގުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީ ތައްޔާރުކުރުމަށް ޕީއެންސީން ސާފު ތަސައްވުރެއް ގެންގުޅެއެވެ. އެގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ އިންތިޚާބީ މަޤާމުތަކަށް އިންތިޚާބުވި މެންބަރުންނާއެކު ޕާޓީގެ ސްޓިއަރިން ކޮމެޓީތައް އަލުން އެކުލަވާލައި އިއުލާންކުރުމާއި އެކު ޕާޓީ ރާވާލުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ފުރިހަމަކުރެވިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޕީއެންސީގެ މައިގަނޑު ފޯކަސްއަކަށް ވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވާ އެ ޕާޓީގެ މަތީ މަޖިލީހަށް ތައްޔާރުވުމެވެ. އެގޮތުން ފުރިހަމަކުރަން ޖެހޭ އިދާރީ އިންތިޒާމްތަކަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެބަ ކުރިއަށްދެއެވެ. ޕީއެންސީގެ މަތީ މަޖިލީހުގެ މި ބައްދަލުވުން ބާއްވާނީ ދާއިރާތަކަށް އަލަށް އިންތިޚާބުވި މެމްބަރުންނާއި އެކުގައި ކަމަށް ވުމާއި އެކު ޕާޓީގެ ކުރިމަގަށް މުހިންމު ނިންމުންތަކެއް މި މަޖިލީހުގައި ނިންމާނެކަަމަށް ބެލެވެއެވެ. ޕީއެންސީގެ ދާއިރާތަކަށް ހޮވުނު މީހުންގެ ތެރޭގައި ޒުވާނުން ގިނަ އަދަދަކަށް ތިބުމާއި އެކު، ޒުވާނުންގެ ޚިޔާލާއި ފިކުރު ވެސް އެ ޕާޓީގެ މަތީ މަޖިލީހުގައި ހިއްސާކުރާނެކަމަށް ލަފާކުރެވެއެވެ.

ޕީއެންސީއަކީ އުމުރުން ހަގު ޕާޓީ އެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީ އިން ވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި އެ ޕާޓީ އިން ހޯދި ކާމިޔާބީއަކީ އެފަދަ އުސްއަލިތަކެވެ. މިވަގުތު އެކުލަވާލާފައިވާ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި އެކު ޕާޓީގެ މުސްތަޤްބަލް ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކެއް ކުރިއަށް އޮތް މަތީ މަޖިލީހުގައި ހޯދުން އެއީ އެ ޕާޓީއިން މަސައްކަތްކުރާނެ މުހިންމު މަޤްސަދަކަށް ވާނެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީގައި ދަފްތަރުގައި މިއަހަރު ފެށުނުއިރު 74048 މެންބަރުން ތިބި ކަމަށް އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.