ފަލަސްޠީނުގެ ޣައްޒާގައި ޞުލްޙަ ބެލެހެއްޓުމަށް ޤާއިމުކުރުމަށް ނިންމާފައިވާ ފައުޖުގައި (އައިއެސްއެފް) ބައިވެރިވުމަށް މޮރޮކޯއިން ނިންމައި، އެ ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މަޣުރިބުގެ ވެރިރަށް ރިބާޠުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މޮރޮކޯގެ ޚާރިޖީ ވަޒީރު ނާޞިރު ބޫރީޠަތާއި، ދިފާޢީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ޣައްޒާގެ އިދާރީ ހިންގުން ހުޅަނގުން މަތިކޮށްފައިވާ ބޯޑް އޮފް ޕީސް، ނުވަތަ ޞުލްޙައިގެ ބޯޑުގެ އިސް މަންދޫބު ނިކޮލައި މުއަދެއިނޮފްއާއި، އައިއެސްއެފްގެ ކޮމާންޑަރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމުގައި މޮރޮކޯގެ ދައުލަތުގެ ނޫސް އޭޖެންސީން ހާމަކުރެއެވެ. މި އެއްބަސްވުމަކީ ސަރަޙައްދުގެ ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ޓަކައި، އަދި އިންސާނީ އެހީތެރިކަމާއި ދިފާޢީ ފިޔަވަޅުތައް އެޅުމުގައި ދެ ފަރާތުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް އޮތް އަޒުމު ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމުގައި މަޣުރިބުގެ ދިފާޢީ އިދާރާއިން ބުނެއެވެ.
މޮރޮކޯގެ މި ނިންމުމަށް ޣައްޒާގެ ޞުލްޙައާބެހޭ ކައުންސިލާއި އައިއެސްއެފްގެ އިސްވާރުން ވަނީ މަރުޙަބާ ދަންނަވާފައެވެ. މި އެއްބަސްވުމުގެ ތެރެއިން އެ ޤައުމުން އިސް އަސްކަރީ އޮފިސަރުންނާއި، ސިފައިންނާއި، ފުލުހުންގެ ޚާއްޞަ އޮފިސަރުން ޣައްޒާގައި ހަރަކާތްތެރިވާނެއެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، އެ ސަހަރުގައި އަސްކަރީ ހަސްފަތާލެއް ޤާއިމުކުރުމަށް ވެސް މޮރޮކޯއިން ވަނީ ނިންމާފައެވެ.
އެމެރިކާގެ ގާތް ބައިވެރިއެއް ކަމުގައިވާ މޮރޮކޯއަކީ ޔަހޫދީ ދައުލަތް ބަލައިގަނެ، 2020 ވަނަ އަހަރުން ފެށިގެން ޞަހްޔޫނީންނާ ގުޅުން ބަދަހިކުރަމުންދާ ޤައުމެކެވެ. އެ ޤައުމުން ދަނީ މެދުއިރުމަތީގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ފަލަސްޠީނާއި ޔަހޫދީންގެ ދެ ދައުލަތް ޤާއިމުކުރުމަށް ބާރުއަޅަމުންނެވެ. މި މަސައްކަތަކީ ސަރަޙައްދީ ހަމަޖެހުމަށާއި ޞުލްޙައަށް މަޣުރިބުން ދޭ މުހިންމުކަން ރަމްޒުކޮށްދޭ، އަދި ސަރަޙައްދުގެ ކުރިމަގަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ހުޅަނގުގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.