ފްރާންސް ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ. ވަރުގަދަ ފޯވާޑް ލައިނެއް އޮތް ފްރާންސް ހުއްޓުވާ، ސްޕެއިން އިން ސެމީފައިނަލް ގައި ކުރި ހޯދީ 2-0 ނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިން އިން ކުރިހޯދީ ޕެނަލްޓީއަކުން އޮޔަޒަބާލް ކާމިޔާބުކުރި ލަނޑުންނެވެ. ޑީނޭ ޔަމާލް އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް، އޮޔާޒަބާލް ޖެހީ މުބާރާތުގައި އޭނާގެ ފަސްވަނަ ލަނޑެވެ. މިހާފްގައި ސްޕެއިންގެ ގޯލް ފޫއަޅުވާލަން ފްރާންސަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ސްޕެއިން އިން ދެވަނަ ގޯލެއް ޖަހާ ފައިނަލްގެ ޔަގީންކަން ބޮޑުކުރީ ދެވަނަ ހާފް ފަށައިގެން 18 ވަނަ މިނިޓްގައެވެ.
ޕެޑްރޯ ޕޯރޯ ޑީއޭރިޔާ ބޭރުން އޮލްމޯ އަށް ބޯޅަ ދިނުމަށްފަހު އޭރިޔާ ތެރެއަށް ވަނުމުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލީ ކޮންޓްރޯލް ކޮށްލުމަށްފަހު ހަމަޖެހިލާފައެވެ. ސްޕެއިންގެ ސްޓައިލްގައި ކުޅެ ޖެހި ގޯލާއެކު ފްރާންސުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ނަތީޖާއެއް ނުނެރެވުނެވެ. މިހާފްގައި ޔަމާލް ސްޕެއިންއަށް ތިންވަނަ ގޯލެއް ޖަހައިދިން ނަމަވެސް އޮފްސައިޑްގައި ހުރުމުން ބަލައި ނުގަތެވެ.
މެޗުގައި ފްރާންސްގެ ރަނގަޅު ދެ އެޓޭކެއް ފެނުނީ އިތުރު ވަގުތުގައެވެ. ޑެމްބެޕޭ ފޮނުވާލި ދެބޯޅަ ވެސް ސްޕެއިން ކީޕަރު ސިމޯން މަތަކުރިއެވެ. ސްޕެއިންގެ ވަރަށް ރަނގަޅު ތިން އެޓޭކެއްވެސް މެޗުގައި ފްރާންސް ކީޕަރު މަތަކުރިއެވެ.
މުބާރާތުގެ ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ އާޖެންޓީނާއާއެވެ. ފާއިތުވި ދެ ވަލްޑްކަޕްގެ ފައިނަލްގައި ކުޅުނު ފްރާންސަށް އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗު އޮންނާނެއެވެ.