ރިޕޯޓް

"މަޖީދީމަގުގެ މަސައްކަތް ލަސްވަނީ މުސުން ގޯވުމުން"


މާލޭގެ މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް މިޙާރު ކުރިއަށްގެންދާ މަސައްކަތުގެ ދުވެލި ކަނޑައަޅާފައިވާ މިންވަރަށްވުރެ ލަހީ، އެމަގުގައި ކުރިން ވަޅުލާފައިވާ ނަރުދަމާ ނިޒާމުގެ ހޮޅިތައް ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ރަސްފަންނު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ވިދާޅުވީ މި މަސައްކަތަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

މާލޭގެ މަގުތައް ޒާމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުން މިހާރު ފައްޓަވާފައިވާއިރު، މިމަޝްރޫޢުގެ ދަށުން، އެންމެ ފުރަތަމަ މަސައްކަތް ކުރިއަށްދަނީ މަޖީދީމަގުގައެވެ. މިމަޝްރޫޢުގެ މަސައްކަތް ފައްޓަވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މަޖީދީމަގުގައި ހަދާ ފުރަތަމަ ބްލޮކްގެ މަސައްކަތް ޖުމުލަ 14 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ކުރިންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މޫސުން ގޯސްވުމާއި، އެމަގުގައި ކުރިން ވަޅުލާފައިވާ ނަރުދަމާ ހޮޅުތައް ވަޅުލާފައިވާ ގޮތުން، އެ މަސައްކަތަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.  

img:http://s1.psmnews.mv/images/660x400/14769757233889.jpg|

މި ދަތިތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރީގެ ނާއިބު ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، މިމަޝްރޫޢުގެ މަސައްކަތުގެ ފުރަތަމަ ބައިގައި ދިމާވި ދަތިތަކާއި، މައްސަލަތަކަށް ބައްލަވައި ދެންހުރި ބައިތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތްތަކެއް ހައުސިން މިނިސްޓްރީން ވިސްނަވާނެކަމަށެވެ. އަދި ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢު ދަށުން މާލޭގެ 13 މަގެއް އަލުން ހެދުމަށް ވަނީ ނިންމަވާފައެވެ.