ރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ހިންގި ޚާއްސަ ޖޮއިންޓް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ، މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ބެލުމުގެ ދަށުންނެވެ. ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ޚާއްސަ ފަންކްޝަންތަކުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު މިއީ އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އެއް އޮޕަރޭޝަނެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާޤު އާދަމްފުޅު ވިދާޅުވީ، ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓުތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި، ފުލުހުންގެ ޚިދުމަތުގެ ފަންކްޝަންތަކުން ގުޅިގެން ކުރި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާކަން ކޮމާންޑަރު ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަންގައި އެސްއޯގެ ސްވަޓް ޓީމާއި، ކޭނައިން ޔުނިޓުގެ އިތުރުން މާލެ ޕޮލިސް، ހުޅުމާލެ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިހުން އަމަލީގޮތުން ބައިވެރިވިއެވެ. މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދެއްވައެވެ.