ޚަބަރު

ރައީސް ޤަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި


  • މިދަތުރުފުޅުގައި ރައީސްވަނީ ޤަތަރުގެ އަމީރާ ބައްދަލުކުރައްވާފައި

  • ޤަތަރުގެ އަމީރު އަވަހާރަވީކަން އެޤައުމުން ހާމަކުރީ އާދިއްތަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ޤަތަރަށް ވަޑައިގަތީ، އިއްޔެގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގަތީ، އެޤައުމުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ކުރިއަށްގެންދިޔަ ހިތާމަ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޤަތަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާއި މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާއެކު ރާއްޖެއާއި ޤަތަރާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ކުރީގެ އަމީރަކީ، މިހާރު ޤަތަރުދެކޭ ތަރައްޤީގެ ބާނީއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ހާމަކުރާ ގޮތުގައި ދުނިޔޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ ދިރިއުޅުމުގެ ފެންވަރު އެންމެ މަތި ޤައުމުގެ ގޮތުގައި ޤަތަރު ހިމެނޭއިރު، އެއީ ކުރީގެ އަމީރުގެ ދުރުވިސްނުންފުޅާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ކުރީގެ އަމީރުގެ ޒަޢާމަތުގައި ރާއްޖޭގެ ތަރައްޤީއަށްވެސް މުހިއްމު އެހީތަކެއް ޤަތަރުން ވަނީ ރާއްޖެއަށް ވެދެއްވާފައިވެއެވެ.