19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓް ކަށަވަރުކޮށްފިއެވެ.
ނިއުރޭޑިއަންޓް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި އެޓީމްގެ ފަހު މެޗުގައި މިއަދު 2-0 ން ބުރު ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މިމޮޅާއެކު ނިއުރޭޑިއަންޓް ވަނީ 5 މެޗުން 11 ޕޮއިންޓް ހޯދާފައެެވެ. 19 ގޯލް ޖެހިއިރު ބައިކޮޅަށް 7 ގޯލް ވަނެވެ. މެޗަށް ނިކުއިން އިރުވެސް ނިއުރޭޑިއަންޓަށް އޮތް ހަމައެކަނި ގޮތަކީ މެޗުން މޮޅުވުމެވެ. ފައިނަލްގެ ފުރުޞަތު ބަންދުވެފައި އޮތް ބުރު ކޮޅަށް ނިއުގެ ފުރަތަމަ ގޯލް ޖެހީ މެޗު ފަށައިގެން 7 ވަނަ މިނިޓްގައި މުޙައްމަދު އިޒާން އަލީ އެވެ. އެއީ އޭރިޔާ ބޭރުން ކެޕްޓަން އީތަން ފޮނުވާލި ބޯޅައެއް ބުރުގެ ކީޕަރު އަހުމަދު މިފްޒާލް އަތުން ދޫވި ވަގުތު ގޯލަށް ފޮނުވާލައިގެން އިޒާން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގައި ޒާކީ މުޖުތަބާ ޒާހިރު ޖެހީވެސް އީތަން ނަގައިދިން ބޯޅައެއްގައެވެ. އީތަން އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ފުރަތަމަ ބޮލުން ފޮނުވާލީ އިޒާން އެވެ. އެކަމަކު ކީޕަރު މަތަކުރުމުން ނިކުއިން ވަގުތު ރަނގަޅު ތަނުގައި ހުރެ ޒާކީ ބޯޅަ ގޯލަށް ފޮނުވާލިއެވެ. ފުރަތަމަ ހާފްގައި ޒާކީ އަތުން މުޅިން ހުސް ފުރުޞަތެއް ގެއްލުނުވެސް މެއެވެ. އޭރިޔާ ތެރޭގައި މުޅިން ހުހަށް އިޒާން އޮއްވާ ގޯލަށް ޒާކީ ގޯލަށް ފޮނުވާލަން އުޅުނު ބޯޅަ މަޑުމަޑުން ފައިގަ ޖެހިފަ ދިޔައީ އަރިމަތިން ބޭރަށެވެ. އެއީ ޒާކީއަށް ފޮނުވާލެވޭނެ ބޯޅައެކެވެ.
ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު މާޒިޔާއާއި އޮޑި ސްޕޯރޓްސް ކްލަބް ވާދަކޮށް މޮޅުވާ ޓީމަކަށެވެ. އެއްވަރުވެއްޖެ ނަމަ ގޯލްގެ ތަފާތުން ފައިނަލްގެ ޖާގަ ލިބޭނީ މާޒިޔާއަށެވެ. އެމެޗު އެއްވަރުވެއްޖެ ނަމަ މާޒިޔާ އާއި އޮޑީގެ އިތުރުން ނިއުރޭޑިއަންޓްވެސް ޕޮއިންޓްގެ ގޮތުން ވާނީ އެއްވަރެވެ. އޮޑިއަށް ފުރުޞަތ ގެއްލޭނީ ފައިދާ ގޯލުންނެވެ. އެމެޗަށް ނިކުންނައިރު އޮޑި އަށް އޮތީ ފައިދާ 11 ގޯލެވެ. އޮޑިއަކީ މުބާރާތުގައި ކޮޅަށް އެންމެ މަދުން ގޯލް ވަން ޓީމެވެ. އެޓީމް ކޮޅަށް މިހާތަނަށް ވަދެފައިވަނީ 2 ގޯލެވެ.
ނިއުރޭޑިއަންޓް ފައިނަލަށް ދަތުރުކުރިޔަސް ކެޕްޓަން އީތަން އަށް ވަނީ ދެކާޑް ހަމަވެފައެވެ. ކުރިން މެޗެއްގައި ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް މިއަދު ރީނދޫ ކާޑެއް ދެއްކީ އަރިމަތީ ލައިން ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީއާ ދިމާއަށް އެއްޗެއް ބުނެގެންނެވެ. އީތަން މަސައްކަތްކުރި ބޯޅައެއް އަރިމަތިން ބޭރުވުމުން އެއްލުން ބުރަށް ދިންވަގުތު އީތަން އެއްޗެއް ބުނީ އެތަނުން އޭނާއަށް ފައުލުކުރި ކަމަށް ދޭހަވާ ގޮތަށެވެ. އީތަންގެ އެކާޑް ނިއުރޭޑިއަންޓުން އެޕީލް ކުރާނެ ކަމަށް ބެލެވެއެވެ. މެޗަށްފަހު އީތަން ވަނީ ރެފްރީ ކައިރިއަށް ގޮސް ބޭއަދަބީ ބަހެއް ބޭނުން ނުކުރާކަމަށް ބުނެފައެވެ.