މާލޭގައި ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށް، އެ ތަކެތި ވިއްކަމުންދާކަން ފާހަގަވެފައިވާ ކަމަށާއި މިކަމަށް އެއް މަސްދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށް ދިފާޢީ ވުޒާރާއިން އަންގައިފިއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ސަލާމަތީ ކަންކަން ކަށަވަރުނުވާ ތަންތަނުގައި ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ގުދަން ކޮށްގެން ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް އެ ވިޔަފާރި ކުރާ ފަރާތްތަކުން ވަގުތުން ފިޔަވަޅުތައް އިސްލާޙު ކުރުމަށް ވަނީ އަންގާފައެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ "ކެމިކަލް ވިއްކުމުގެ ހުއްދަ"އަށް އެދި އެ ވުޒާރާއަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ. އަދި އެ ހުއްދައަށް އެދި ހުށަހަޅަން ވާނީ، އެ ވުޒާރާގެ ވެބްސައިޓުގައި ޝާޢިއު ކޮށްފައިވާ "ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދޭ ފޯމް" މެދުވެރިކޮށް ކަމަށެވެ. ދިފާޢީ ވުޒާރާއިން ވަނީ، އެފޯމް ހުށަހެޅުމަށްފަހު ނުރައްކާތެރި ކެމިކަލް ވިއްކުމަށް، އެކެމިކަލްތައް ބަހައްޓާ ފިހާރަ މަކުޑި ޕޯޓަލްގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މިގޮތުން "ކެމިކަލް ވިއްކުމުގެ ހުއްދަ" ދޫކުރެވޭނީ، ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފަރާތްތަކަށެވެ.
ދިފާޢީ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގައި ކެމިކަލް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމަށް މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ހޯދުމަށާއި، ކެމިކަލް ވިއްކުމަށް ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލުގައި ރަޖިސްޓްރީކުރުމަށް އަންގާފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާއިމެދު ނުރައްކާތެރި ކެމިކަލާއިބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.
މާލޭގައި ސިއްރުން ނުވަތަ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ކެމިކަލް ގުދަން ކުރުމަކީ، މީގެކުރިންވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމެކެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި ހަ ގެއަކަށާއި، ހަތަރު ގުދަނަކަށް އަލިފާނުގެ އަސަރުކޮށް، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ، މާލޭގައި ހުރި 40 އެއްހާ ކެމިކަލް ގުދަން ވަގުތުން ތިލަފުއްޓަށް ބަދަލުކޮށްފައެވެ.
ނަމަވެސް، އޭގެފަހުންވެސް 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގެ ލިލީ މަގުގައި ޤަވާއިދާ ޚިލާފަށް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ފެނިގެން ފުލުހުންނާއި، އެމްއެންޑީއެފުން ވަނީ އެތަން ހުސްކޮށް ބަންދުކޮށްފައެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަން ކުރުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ވަނީ ހާމަވެފައެވެ.