ޚަބަރު

ދެ ރަށެއްގެ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތް އަންނަ އަހަރަށް ނިންމަނީ


  • ފުނަދޫ އިސްރަށްވެހިންގެ ހިޔާގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން

  • ތުލުސްދޫގެ އިސްރަށްވެހިންގެ ހިޔާ މި މަސް ތެރޭގައި އެމްޓީސީސީއާ ޙަވާލުކުރާނެ

ދެ ރަށެއްގެ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ދެ ރަށަކީ ށ. ފުނަދޫއާއި، ކ.ތުލުސްދޫއެވެ.

ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޢުމުރުން ދުވަސްވީ މީހުންނަށް ފަރުވާދޭ، އޭޖެންޑް ކެއަރ ސެންޓަރުތަކެއް ޤާއިމު ކުރުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ސޯޝަލް ޕޮލިސީ ދިފްލާ ރައުފް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ޤާއިމުކުރާ އިސްރަށްވެހީންގެ ހިޔާވަހީގެ މަސައްކަތް ކުރުމަށް މިދިޔަ މަހު އެމްޓީސީސީއާ ޙަވާލުކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މީގެއިތުރުން ކ. ތުލުސްދޫގައި ޤާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމްޓީސީސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް ދިފްލާ ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ޙަވާލުކުރެވޭނެ ކަމަށާއި، އަމާޒަކީ ފުނަދޫއާއި ތުލުސްދޫގައި ޤާއިމުކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތްތައް އަންނަ އަހަރަށް ނިންމުން ކަމަށްވެސް ދިފްލާ ވިދާޅުވިއެވެ.

" ށ.ފުނަދޫގައިވެސް އިސްރަށްވެހިންގެ ހިޔާވަހި އިމާރާތެއް ޤާއިމުކުރުމަށްޓަކައި ޖޫންމަހު ވަނީ އެމްޓީސީސީއާ ޙަވާލުކުރެވި، މިހާރު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދަނީ. ތުލުސްދޫގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ. މި މަޝްރޫޢުގެ ދަށުން ށ.ފުނަދޫއާއި ކ.ތުލުސްދޫގެ މަސައްކަތް މިއަންނަ އަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަނީ." ދިފްލާ ވިދާޅުވިއެވެ.

ފުނަދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެވެ. މި މަސައްކަތުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތްކުރުން ހިމެނެއެވެ. އަދި ރެކްރިއޭޝަން ކަންކަމަށްވެސް ސަރަޙައްދެއް ޚާއްސަކޮށްފައިވެއެވެ.

37.46 މިލިޔަން ރުފިޔާގެ މި މަޝްރޫޢަކީ، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި ޢުމުރުން ދުވަސްވީ މީހުންނަށް ފަރުވާދޭ އޭޖެންޑް ކެއަރ ސެންޓަރުތަކެއް ޤާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ، ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.