ދުނިޔެ

ބަލިވެއްޖެނަމަ ނަތީޖާ ޤަބޫލެއް ނުކުރާނަން- ޓްރަމްޕް


ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުނުވެއްޖެނަމަ އިންތިހާބުގެ ނަތީޖާ ގަބޫލް ނުކުރާނެކަމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ބުނެފައިވަނީ ރިޔާސީ ކެނޑިޑޭޓުންގެ މެދުގައި ރޭ ކުރިޔަށް ދިޔަ ތިންވަނަ އަދި އެންމެ ފަހު ބަހުސްގައި ވާހަކަދައްކަމުންނެވެ. 

ޑިމޮކްރެޓިކް އިންތިހާބެއްގެ ނަތީޖާ ޤަބޫލް ނުކުރާނެކަމަށް ޓްރަމްޕް ބުނުމާއި ގުޅިގެން ސިޔާސީ އެކިއެކި ބޭފުޅުން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންތިޚާބުގައި އޭނާއާ ވާދަކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެޑިޑޭޓް ހިލަރީ ކްލިންޓަންވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރަމްޕް ކުރިންވެސް ވަނީ އެކި ބައްދަލުވުންތަކުގައި އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފައްދާ ވާހަކަދައްކަވާފައެވެ. އެގޮތުން އިންތިހާބު ނަތީޖާ އިންސާފުވެރިނުވާނޭކަމަށާއި ވޯޓިން ސިސްޓަމުގެ ތެރެއިން ބަޔަކު މަކަރު ހަދާކަމަށް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައެވެ. 

ރޭގެ ބަހުސްގައި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާންތޯ މޮޑަރޭޓަރ އެހުމުން ޓްރަމްޕް ވިދާޅުވީ، ވާނެ ގޮތެއް އިނގޭނީ އިންތިހާބުގެ ނަތީޖާ އާންމުކުރުމުންކަމަށެވެ. އަދި އޭނާ ބޭނުމީ ނަތީޖާ އިއުލާންކުރާ ވަގުތު ޖެހެންދެން ވާނެ ގޮތާއި މެދު އެންމެ ހާސްކަންމަތީ ތިބުންކަމަށް ޓްރަމްޕް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14769514751195.jpg|ހިލަރީ އާއި ޓްރަމްޕް، ކެންޑިޑޭޓުންގެ ބަހުސްގައި /

ރޭގެ ބަހުސްގައި އިންތިހާބުގެ ނަތީޖާ ޤަބޫލް ނުކުރާނެކަމަށް ޓްރަމްޕް ވިދާޅުވުމުން ކްލިންޓަން ވިދާޅުވީ އިންތިހާބެއްގެ ނަތީޖާ ޤަބޫލް ނުކުރުމަކީ ޑޮމޮކްރަސީގެ ހަމަތަކާ ހިލާފުކަމެއްކަމަށެވެ. އަދި އެމެރިކާއަކީ ދުއިސައްތަ ސާޅީސް އަހަރުވެފައިވާ ޤައުމެއްކަމަށާ، މިވީ މުއްދަތުގައި އެތަކެއް އިންތިހާބެއް އެޤައުމުގައި ބާއްވާފައިވާއިރު ހުރިހާ އިންތިހާބެއްގެ ނަތީޖާވެސް ހުރިހާ ފަރާތަކުންވެސް މިހާތަނަށް ޤަބޫލްކޮށްފައިވާކަން ހިލަރީ ފާހަގަކުރެއްވިއެވެ. އެމެރިކާގެ ރިޔާސީ ކެނޑިޑޭޓުންގެ މެދުގައި ރޭ ބޭއްވި އެންމެފަހު ބަހުސުން މޮޅުވެފައިވަނީ ހިލަރީ ކްލިންޓަންކަމަށް ސީ.އެން.އެން އަދި އޯ.އާރު.ސީ އިން ނެގި ޕޯލްގެ ނަތީޖާއިން ދައްކައެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓްތައް ދައްކާގޮތުން އެމެރިކާގެ މުހިންމު ސްޓޭޓްތަކަކުން ޓްރަމްޕަށް ކުރާ ތާޢީދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން ޓްރަމްޕަށް މިއިންތިހާބު ކާމިޔާބުކުރުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.