ޚަބަރު

ފުރަތަމަ 6 މަހު ގްރީން ޓެކުހުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ


  • މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނީ 1.1 ބިލިޔަން ރުފިޔާ

  • ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރު

އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ޖޫން މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 1.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %8.2 އިތުރުވުމެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް ފުރަތަމަ 6 މަސް ދުވަހު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި 79 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 73 މިލިޔަން ޑޮލަރެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ، ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ، ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ، އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ، ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.