ދުނިޔެ

މޫސަލްގައި އިރާޤު ސިފައިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ


އިރާޤުގެ މޫސަލް، އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަން ކުރުމަށް ފަށާފައިވާ ހަނގުރާމައިގާ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން އިރާގުން ހާމަކޮށްފިއެވެ. 

މޫސަލް މިނިވަންކުރުމުގެ ހަނގުރާމައިގާ އެންމެ ބޮޑު ދައުރެއް އަދާކުރާ އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާ ލަޝްކަރުން ނެރުނު ބަޔާންތައް ބުނާގޮތުން މިހަނގުރާމައަށް ތިން ދުވަސްވެފައިވާއިރު މޫސަލްގެ ދެކުނާއި އިރުދެކުނުގައިވާ އަވަށްތަކުގެ ތެރެއިން ވިހި އަވަށެއް ވަނީ އައިއެސްގެ އަތްދަށުން މިނިވަންކުރެވި އިރާގުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައެވެ.

މޫސަލް މިނިވަން ކުރުމުގެ ހަނގުރާމައަކީ އައިއެސް ޖަމާއަތާ ދެކޮޅަށް އިރާގުގައި ކުރެވޭ އެންމެ ބޮޑު އަދި އެންމެ އުނދަނގޫ ހަނގުރާމަ ކަމަށް އަސްކަރީ ތަޖްރިބާކާރުން ސިފަކުރާއިރު މިހަނގުރާމަ ދިގުލައިގެންދާނެކަމަށްވެސް ވަނީ ބެލެވިފައެވެ. މިހަނގުރާމަ ކާމިޔާބު ކުރެވި މޫސަލް މިނިވަންކުރެވޭނެ ކަމުގެ ޔަގީންކަން އިރާގު ސަރުކާރަށް އޮތްނަމަވެސް ދޮޅު މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ މޫސަލް ގެ ރައްޔިތުންނަށް މިހަނގުރާމައިގެ ސަބަބުން ލިބޭނެ ގެއްލުންތަކާމެދު އިރާގާއި އަދި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ކަންބޮޑުވެފައެވެ. 

img:http://s1.psmnews.mv/images/660x400/14769464587955.jpg|އައިއެސްގެ ކިބައިން މިނިވަންކޮށްފައިވާ މޫސަލްގެ އަވަށެއްގައި ކުޑަކުދިންތަކެއް ކުޅެނީ / ފޮޓޯ: ޒިންހުއާ

މޫސަލްގައި ތާށިވެފައިވާ އާންމުންނަށް ކުރިމަތިވެފައިވާ މުސީބާތްތަކުގެ ތެރޭގައި އައިއެސް ޖަމާއަތުން އެމީހުންގެ އަމިއްލަ ދިފާއުގައި އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔުމާއި ރައްކާތެރިކަމާއެކު މޫސަލްއިން ނުކުތުމުގެ ފުރުސަތު ނުލިބުން ހިމެނެއެވެ. އައިއެސްގެ ހަނގުރާމަވެރިންނަށް ފިލައިގެން މޫސަލްއިން ނުކުންނަ އާންމުންނަށް ކުރިމަތިވާ އަނެއް މުސީބާތަކީ އައިއެސްއާ އިދިކޮޅު މިލީޝިޔާ އެއްކަމަށްވާ "އަލް ޙަޝްދުއްޝަޢަބީ" ގެ ހަނގުރާމަވެރިންގެ ބަދަލުހިފުމުގެ ޙަމަލާތަކާ ކުރިމަތިލާންޖެހުމެވެ. 

"އަލް ޙަޝްދުއްޝަޢަބީ" މިލީޝިޔާއަކީ އައިއެސް ޖަމާއަތުން އިރާގުގައި ހިންގާ ބޮންގޮއްވުމާއި އެނޫންވެސް އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ޝިޔަޢީން މައިގަނޑު ގޮތެއްގައި ހިމެނޭ ހަނގުރާމަވެރި ޖަމާއަތެކެވެ. އެޖަމާއަތުން އައިއެސްއާ ދެކޮޅަށް ހިންގާ ބަދަލުހިފުމުގެ ޙަރަކާތުގެ ޝިކާރައަކަށް ވަމުންދަނީ މޫސަލްއިން ނުކުންނަ ކުށެއްނެތް އާންމުންނެވެ. މިމައްސަލާގައި ކުރިމަތިވަމުންދާ ބައިނަލްއަގްވާމީ ފިއްތުންތަކާ ގުޅިގެން އިރާގު ސަރުކާރުންވަނީ މޫސަލް މިނިވަން ކުރުމުގެ ހަނގުރާމައިގާ "އަލްޙަޝްދުއްޝަޢަބީ" މިލީޝިޔާ ބައިވެރިވި ނަމަވެސް މޫސަލް ގެ އެތެރެއަށް އެޖަމާއަތުގެ ހަނގުރާމަވެރިން ނުވަންނާނެ ކަމަށް ބުނެފައެވެ. 

މޫސަލްގެ ހަނގުރާމައަށް ތިން ދުވަސްވެފައިވާއިރު މިހާތަނަށް އެތަށްހާސް ބަޔަކުވަނީ ރެފިއުޖީންގެ ގޮތުގައި އެރަށުން ފާބައިގެން ގޮސްފައެވެ. މޫސަލްއިން ފައިބަމުންދާ ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް އދ.އާއި އިރާގު ސަރުކާރުން ފޭލިގެތަކެއް ޖަހާފައިވީނަމަވެސް "އަލްޙަޝްދުއްޝަޢަބީ" މިލީޝިޔާއިން ހިންގަފާނެ އަނިޔާވެރި އަމަލުތަކެއްގެ ބިރަށް ބައެއް ރެފިއުޖީންވަނީ ފައިމަގުގައި ސޫރިޔާއާ ދިމާއަށް މިސްރާބު ޖަހާފައެވެ. 

img:http://s2.psmnews.mv/images/660x400/14769463605968.jpg|މޫސަލް ހިފުމަށް ކުރާ ހަނގުރާމައިގައި ބައިވެރިވާ އިރާޤު ސިފައިން / ފޮޓޯ: ޒިންހުއާ

މޫސަލްގެ ހަނގުރާމައިގާ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ބައިވެރިވާއިރު ތުރުކީވިލާތުންވަނީ އިރާގު ސަރުކާރުގެ ނުރުހުމުގައިވެސް އެހަނގުރާމައިގާ ބައިވެރިވާނެ ކަމުގެ އިންޒާރު ދީފައެވެ. އިރާގުގެ އުތުރުގައިވާ ތުރުކީވިލާތުގެ ބާރުތައް ބޭލުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ތަކުރާރުކޮށް ތުރުކީވިލާތަށް ގޮވާލެއްވިނަމަވެސް ތުރުކީވިލާތުގެ މަސްއޫލުވެރިންވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި މޫސަލްގެ ހަނގުރާމައަކީ ތުރުކީވިލާތުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ހަނގުރާމައެއް ކަމަށް ވިދާޅުވެ އިރާގު ސަރުކާރުގެ ހުއްދައަކާ ނުލައިވެސް ތުރުކީ ސިފައިން އެހަނގުރާމައިގާ އަމަލީގޮތުން ބައިވެރިވާނެ ކަމަށް ތުރުކީ މަސްއޫލުވެރިން ވިދާޅުވެއެވެ. 

މޫސަލްގެ ހަނގުރާމަ ކާމިޔާބު ކުރެވިއްޖެނަމަ އެރަށް އައިއެސްގެ އަތްދަށުން މިނިވަން ކުރެވުމުގެ އިތުރުން މުޅި އިރާގުގައިވެސް އައިއެސް ޖަމާއަތް ބަލިކަށިވެ އެޖަމާއަތުގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.