ޚަބަރު

ޔަހޫދީން އެމެރިކާގެ މަޖިލިސް މެންބަރަކު ހިފަހައްޓައި ބިރުދައްކައިފި


އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގައި ކެލިފޯނިޔާ ތަމްސީލުކުރައްވާ މެންބަރު ރޯ ކާނާ ހުޅަނގު އައްސޭރިއަށް ކުރެއްވި ދަތުރުފުޅެއްގައި، ހަތިޔާރުއެޅި ޔަހޫދީ ޣައިރުޤާނޫނީ ވަޒަންވެރިންގެ ބައިގަނޑަކުން އޭނާ ހިފަހައްޓައި ބިރުދައްކައިފިއެވެ. ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން މި ހާދިސާ ހިނގާފައިވާ ކަން ކަށަވަރު ކޮށްދެއްވަމުން ކާނާ ވިދާޅުވީ، ޔަހޫދީ ވަޒަންވެރިން ތިބީ އެމެރިކާގައި އުފައްދާ އެމް-4 މަރުކާގެ ހަތިޔާރު ހިފައިގެން ކަމުގައެވެ. އަދި، އޭނާއާއި އޭނާއާއެކު ދަތުރުކުރަމުންދިޔަ އެހެން މީހުން ހުއްޓުވައި، ބިރުދެއްކުމުގައި ޔަހޫދީ ސިފައިންގެ ބައިވެރިވުން އޮތް ކަމުގައި ވެސް ކާނާ ވިދާޅުވިއެވެ.

ކާނާ ވިދާޅުވީ، ޔަހޫދީ ޣައިރު ޤާނޫނީ ވަޒަންވެރިން އޭނާއާއި އެމެރިކާގެ އެހެން ރައްޔިތުންތަކެއް ހިފަހައްޓާފައި ވަނީ، ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ ފަލަސްޠީނުގެ އަވަށެއް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކަމުގައެވެ. ޔަހޫދީ ވަޒަންވެރިން ވަނީ އެ އަވަށުގެ މަދަރުސާ އިމާރާތާއި ޢާންމުންގެ ގެދޮރު ސުންނާފަތި ކޮށްލާފައެވެ. ޔަހޫދީ ބައިގަނޑުން ވަނީ ކާނާއާއި އޭނާގެ ވަފުދަށް ބިރުދައްކައި، އެ އަވަށުން ބޭރަށް ދަތުރުކުރުމަށް ހުރަސް އަޅާފައެވެ. މިއީ، އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ޣައިރުޤާނޫނީ ޔަހޫދީންގެ ނުރައްކާތެރިކަން ހުރި މިންވަރު ސާބިތުކޮށްދޭ ހާދިސާއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ.

އެ ދަތުރުގައި ބައިވެރިވި ކާނާގެ މުޝީރު ކެމަރޮން ކަސްކީ ވިދާޅުވީ، ޔަހޫދީ ވަޒަންވެރިން މަގު ބަންދުކޮށް، އެ މީހުންނާ ދިމާލަށް ހުތުރު ބަހުން މުޚާތަބުކުރަމުން އެއް ގަޑިއިރަށްވުރެ ގިނައިރު އެ މީހުން ހިފަހައްޓާފައިވާ ކަމުގައެވެ. އަދި، ޔަހޫދީ ސިފައިންގެ ބައިގަނޑަކުން އެ ތަނަށް ގޮސް، ޔަހޫދީ ވަޒަންވެރިންނާ ވާހަކަދެއްކުމަށް ފަހު، އެ މީހުންނާ ބައިވެރިވެ، ކޮންގްރެސްގެ މެންބަރާއި ވަފުދަށް އިތުރަށް ހުރަސް އަޅާފައިވާ ކަމުގައި ވެސް ކަސްކީ ވިދާޅުވިއެވެ.

ޔަހޫދީ ވަޒަންވެރިންނާއި ސިފައިން ކާނާއާއި އޭނާގެ ވަފުދު މިނިވަންކޮށްފައި ވަނީ އެމެރިކާގެ ސަފާރާއިން ޝަކުވާ ހުށަހެޅުމުންނެވެ. އެ މީހުން ހިފަހައްޓާފައިވާ އަވަށަކީ، މިހާރު ހުސްކޮށް އޮތް އަވަށެވެ. އެ އަވަށުގައި ދިރިއުޅެމުންދިޔަ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ. އެ ޖަރީމާގެ ފަހަތުގައި ތިބީ، އެ ސަރަޙައްދުގައި ދިރިއުޅޭ ހައްދުފަހަނަ އެޅި ޔަހޫދީ ވަޒަންްވެރިންނެވެ.

ފަލަސްޠީނުގެ އިދާރާއަކުން ބުނީ، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހައްދުފަހަނަ އެޅި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ތަފާތު 3,488 ޙަމަލާއެއް ދީފައިވާ ކަމުގައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ފެށި ޤަތުލުޢާންމަށް ފަހު، ހުޅަނގު އައްސޭރީގައި ހިންގާފައިވާ ތަފާތު ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 1,179 އަށް އުފުލިފައެވެ. އަދި، 12,666 މީހުން ޒަޚަމު ކޮށްލާފައިވާއިރު، 24,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.