ޚަބަރު

ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލު ހިފާނެކަމަށް، އައު ރޫޙީ ވެރިޔާ ވަޢުދުވެވަޑައިގެންފި


އީރާނުގެ ކުރީގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީގެ މަރަށް ބަދަލުހިފާނެ ކަމަށް އެ ޤައުމުގެ އައު ރޫޙީ ވެރިޔާ އަދި ޢަލީ ޚާމަނާއީގެ ދަރިކަލުން، އާޔަތުالله މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ބައްޕާފުޅުގެ ޖަނާޒާއާ ގުޅޭ ހަފްލާތައް ފެށިފަހުން ނެރެފައިވާ އެ މަނިކުފާނުގެ ފުރަތަމަ ބަޔާނުގައެވެ. އެ ބަޔާން ވަނީ އީރާނުގެ ދައުލަތުގެ ޓީވީއިން އިއްވައިފައެވެ.

އެ ބަޔާނުގައި މުޖުޠަބާ ޚާމަނާއީ ވިދާޅުވީ ރޫޙީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ ޤައުމުން ގޮވައިލަމުންދާ ގޮވައިލުން ކަމަށާއި އެ ކަން އެ ގޮތަށް ހިންގަން ޖެހޭ ކަމަށެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ދިން ޙަމަލާތަކުގައި ޝަހީދުކޮށްލި ޢަލީ ޚާމަނާއީގެ ލެޔާއި އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ކޮށްފައިވާ ދެ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ލޭގެ ބަދަލު މުޖުރިމު ޤާތިލުންގެ ކިބައިން ހިފުމަށް ވަޢުދުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައްޕާފުޅު ޝަހީދުވުމާ ގުޅިގެން ރޫޙީ ވެރިޔާގެ މަޤާމަށް މުޖުޠަބާ ޚާމަނާއީ އިސްކޮށްފައި ވަނީ މާރިޗު މަހުގެ 8ވަނަ ދުވަހުއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޢަލީ ޚާމަނާއީއަށް އަމާޒުކޮށް ދިން ޙަމަލާގައި މުޖުޠަބާ ޚާމަނާއީއަށް ވެސް ޒަޚަމްތަކެއްވެ، މޫނުފުޅަށް ގެއްލުންތަކެެް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ޙަމަލާގެ ފަހުން މުޖުޠަބާ ޚާމަނާއީ ޢާންމުންނަށް ފެނިފައެއް ނުވެއެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވީ އީރާނުގެ ސަރުކާރު ދެމި އޮތް ނަމަވެސް އަދި ނެތް ނަމަވެސް އޮހޮރާފައިވާ ލޭގެ ބަދަލު ކޮންމެވެސް ބަޔަކު ހިފާނެ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކޮންމެ މިނިވަނެއް އެ ކަމުގައި ދައުރެއް ޢަދާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މުޖުޠަބާ ޚާމަނާއީ ޢާންމުންގެ ކުރިމައްޗަށް ނިކުމެވަޑައިނުގަންނަވާ ސަބަބަކީ ޞިއްޙީ ސަބަބަކަށްވި ނަމަވެސް، ނުވަތަ ސަލާމަތީ ސަބަބަކަށްވި ނަމަވެސް، އީރާނަށް މި ވަގުތު ކުރިމަތިވެފައިވާ ޙާލަތުގައި މުޖުޠަބާ ޚާމަނާއީގެ ޚަބަރެއް ނުވެ ގިނަ ދުުވަސްތަކެއް ފާއިތުވުމަކީ ދިގު މުއްދަތުގައި މީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. މި ހަފްތާގެ ތެރޭގައި އެމެރިކާއިން އަނެއްކާ ވެސް އީރާނަށް ޙަމަލާތައް ދޭން ފަށާފައިވާއިރު، މުޖުޠަބާ ޚާމަނާއީގެ ދައުރާއި ޞިއްޙީ ޙާލުކޮޅާމެދު އޮތް ކަންބޮޑުވުންތައް އީރާނުގައި ވަނީ އިތުރުވެފައިވާ ކަމަށާއި، މި ޙާލަތުގައި ރައްޔިތުންނަށް އޭނާ ފެނުން މުހިންމު ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަކޮސްފައިވެއެވެ.