ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއިން ކުރިޔަށް އޮތް އޯގަސްޓް އިންޓޭކާއި ގުޅުވައިގެން ބާއްވާ "އެމްއެންޔޫ ފަހި ދުވަސް" ހަރަކާތް ފަށައިފިއެވެ.
މި ހަރަކާތުގައި އެމްއެންޔޫގެ ކޯސްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ގިނަ ސްޓޯލްތަކެއް ބަހައްޓާފައިވެއެވެ. މިފަހަރު އެންމެ މަޤުބޫލުކަމެއް ލިބިފައިވަނީ، ޖަޕާން ބަސް ދަސްކޮށްދިނުމަށް އެމްއެންޔޫން އޮގަސްޓް އިންޓޭކުގައި އަލަށް ތަޢާރަފުކޮށްފައިވާ ޖަޕަނީސް ލެންގުއޭޖް ކޯހަށެވެ.
އެމްއެންޔޫއިން ބާއްވާ ފަހި ދުވަހަކީ، މަތީ ތައުލީމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެޔުނިވަރސިޓީއިން ބާއްވަމުންދާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ، މާލޭގައި ހުންނަ އެމްއެންޔޫގެ މެއިން ކެމްޕަހުގައެވެ. ފެށުމަށް ބޭއްވި ހަފްލާގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ އާއިޝަތު ޝެހެނާޒުގެ އިތުރުން އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މިއަދާއި މާދާމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ ކެމްޕަހާއި، އަތޮޅުތަކުގައި ހުރި ކެމްޕަސްތަކުގައެވެ. މި ހަރަކާތުގެ ތެރެއިން ޔުނިވަރސިޓީން ހިންގާ އެކިއެކި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި، ފެކަލްޓީތަކުގެ ތަޖުރިބާކާރު ލެކްޗަރާއިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް އެމްއެންޔޫއިން މަޢުލޫމާތުދެއްވައެވެ.
ފަހި ދުވަހުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ކެރިއަރ ގައިޑެންސް ނުވަތަ ކުރިއަށްދާނެ ދާއިރާތަކާއި ގުޅޭ އިރުޝާދު ދިނުމާއި، ލިބެންހުރި ސްކޮލަރޝިޕް ފުރުސަތުތަކުގެ މައުލޫމާތު ދޭނެއެވެ. މީގެ އިތުރުން، އެއްތަނަކުން ހުރިހާ އިދާރީ ކަންކަން ނިންމާލެވޭނެ "ވަން ސްޓޮޕް އެޑްމިނިސްޓްރޭޝަން" ޚިދުމަތްވެސް މި ހަރަކާތުގެ ތެރެއިން ލިބޭނެ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއްވައެވެ.
އެމްއެންޔޫން ވަނީ، އެހެން އިންޓޭކްތަކާއި ޚިލާފަށް މި އިންޓޭކުގައި މިބާއްވާ ފަހިދުވަހުގެ އިވެންޓުގައި އެމްއެންޔޫގެ ފެކަލްޓީތަކުގެ އިތުރުން ބައިވެރިވި 4 ފަރާތްކަމުގައިވާ އެޗްޑީސީ، ޕީއެސްއެމް، ފިޒިޔޯ ސޮލިޔުޝަން އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އެމްއެންޔޫ ފަހި ދުވަހުގެ ހަރަކާތަށް ޒިޔާރަތްކުރި ބައެއް ބައިވެރިން ބުނީ، މިއީ ވަރަށް ފަހި އަދި ކުރިޔަށް އޮތް އިންޓޭކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެންމެ ފުރިހަމަޔަށް ލިބޭ ހަރަކާތެއް ކަމަށެވެ. އަދި އަލަށް ތަޢާރަފު ކުރި ކޯސްތަކާއި، މިހާރު ކުރިޔަށްދާ ކޯސްތަކާ ބެހޭ މަޢުލޫމާތު ވަރަށް ފުރިހަމައަށް ލިބުނުކަން ބައިވެރިން ފާހަގަކުރިއެވެ.
މި ހަރަކާތަށް ޒިޔާރަތްކުރި ގިނަ ކުދިންގެ މެދުގައި އެންމެ މަޤުބޫލުވެފައިވަނީ، އެމްއެންޔޫއިން މި ފެށޭ އޮގަސްޓް އިންޓޭކަށް އަލަށް ތަޢާރަފުކުރި ޖަޕަން ބަސް ދަސްކޮށްދޭ ކޯހުގެ މަޢުލޫމާތަށެވެ. މީގެ އިތުރުން ނާސިންގ ކޯހާއި، އެކި ދާއިރާތަކުން ކުރިޔަށް ދިއުމަށް ފަސޭހަވާނެ ފަދަ ގިނަ މަޢުލޫމާތުތަކެއް މި ހަރަކާތުން ލިބުނު ކަމަށް ބައިވެރިން ބުންޏެވެ.
މި ހަރަކާތުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ އިތުރުން، ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު މަޖާ ހަރަކާތްތަކާއި މުބާރާތްތައް ދަނީ ހިންގަމުންނެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ވަނީ ހުޅުވާލާފައެވެ.
މިއީ، މަތީ ތަޢުލީމުގެ މައިދާނަށް ވަންނަން ބޭނުންވާ ދަރިވަރުންނާއި، ވަޒީފާގެ މައިދާނުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެމްއެންޔޫގެ ކޯސްތަކާއި، ޚިދުމަތްތައް ތަޖުރިބާ ކޮށްލުމަށް ލިބޭ ވަރަށް ފަހި ފުރުޞަތެއް ކަމަށް އެމްއެންޔޫއިން ފާހަގަކުރައްވައެވެ.