ޚަބަރު

"ޕީއެންސީގެ އިންތިޚާބުން ފެނުނީ ރައީސްގެ ސިޔާސަތަށް އޮތް ތާއީދު"


  • ޕީއެންސީގެ އެތެރޭގެ އިންތިޚާބު މިއަދު ވަނީ ބާއްވާފައި

  • މި އިންތިޚާބުގައި %85 މީހުން ވޯޓުލި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރުކަމަށް ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕާޓީގެ އިންތިޚާބާއި ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ބާއްވާފައިވަނީ، މިއަދު ހެނދުނު 09:00 އިން ހަވީރު 04:00އަށެވެ. އަބްދުއްރަހީމް ވިދާޅުވީ، މިއިންތިޚާބު 119 ރަށެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 40،000 މެންބަރުންނަށް ވޯޓުލުމުގެ ހައްޤު ލިބިނުއިރު ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %85 މީހުން ވޯޓުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ގާތްގަނޑަކަށް 33،000 މީހުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިއީ އެތެރޭގެ އިންތިޚާބަކަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ. މިއިން ހާމަވެގެންދަނީ، ޕާޓީއާއި ދޭތެރޭ ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރުކަމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރު ކަމަށެވެ.

"މީގެއިން އަޅުގަނޑުމެންނަށް މި އިނގިގެންދަނީ އަޅުގަނޑުމެންގެ ޕާޓީއާއި ދޭތެރޭގައި ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު އަދި މި ޕާޓީގެ ސަރުކާރާއި އަދި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު މީގެއިން މި ދައްކައިދެނީ. އެހެންނޫނިއްޔާ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އިންތިޚާބެއްގައި 2000 އާއި 3000 މީހުން ވާދައެއް ނުކުރާނެ. 45000 މީހުންގެ %85 ވޯޓު ދިނުމަކީވެސް މިކަހަލަ އިންތިޚާބެއްގައި އެއީ ނާދިރުކަމެއް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ކޮންގްރެސް ޕާޓީގެ ސަރުކާރުން ކުރަމުންގެންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަކަމާއި، ޕާޓީގެވެސް ރައީސް އަދި ޤައުމުގެވެސް ރައީސްގެ ސިޔާސަތަށް ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރު ފެނިގެން މިދަނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރި އެންމެހައި ފަރާތްތަކުން ސުލްޙަވެރިކަމާއިއެކު އިންތިޚާބު ނިންމާލުމަށް ވަރަށް ބޮޑަށް ސަމާލުކަންދިން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި އޮތީ ސުލްޙަވެރި ފިކުރުކަމާއި އިންތިޚާބުގެ ތެރެއިން ވަރަށް ބޮޑަށް އެކަން ފެނިގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.