ބަންގްލަދޭޝް އަކީ ދުވަހަކުވެސް ފީފާ ވޯލްޑް ކަޕެއްގައި ކުޅެފައިވާ ޤައުމެއް ނޫނެވެ. އަދި މިފަހަރުގެ މުބާރާތުންވެސް އެ ޤައުމަށް ފުރުސަތު ލިބިފައެއް ނުވެއެވެ.
ކަން މިހެން އޮތްނަމަވެސް މުބާރާތުގައި ވާދަކުރާ ބައެއް ޤައުމުތަކަށްވުރެ ވެސް، ބަންގްލަދޭޝްގައި މި މުބާރާތުގެ ފޯރި ގަދައެވެ. މެޗު ބަލާނެ ޖަގަހަ ތަކާއި ވިއުވިން އެރީނާތަކުގައި އެތައް ހާސް ބަޔަކު އެއްފަހަރާ މެޗުތައް ބަލަން ތިބެއެވެ.
ބަންގްލަދޭޝްގައި އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އެއް ޤައުމަކީ އާޖެންޓީނާއެވެ. އެންމެ ގިނަބައެއް ސަޕޯޓުކުރާ ކުޅުންތެރިއަކީ ލިއޮނެލް މެސީއެވެ. އެހެންނަމަވެސް، ގިނަ އަދަދެއްގެ ބްރެޒިލް ސަޕޯޓަރުންނާއި، މެސީއާއި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުންވެސް ބަންގްލަދޭޝްގައި ނުހަނު ގިނައެވެ.
ރާއްޖޭގައިވެސް މި ޤައުމުތަކާއި ކުޅުންތެރިންނަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ދިވެހިން އުޅޭއިރު، ވާދަވެރިކަންވެސް ނުހަނު ބޮޑެވެ. އެހެންނަމަވެސް މި ވާދަވެރިކަން ފެންނަނީ ދައްކާ ވާހަކައިންނާއި މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރާ ޕޯސްޓުތަކުންނެވެ. ވޯލްޑް ކަޕުގެ މެޗަކާ ގުޅިގެން ނުވަތަ މުބާރާތުގައި ހިނގި ކަމަކާ ގުޅިގެން މާރާމާރީ ހިންގައި، އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް ދިޔަކަން އެނގޭކަށް ނެތެވެ.
ރާއްޖޭގައި މި ބީދައިން ވާދަވެރިކަން އޮތްނަމަވެސް އަވަށްޓެރި ބަންގްލަދޭޝް އިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
މުބާރާތުގެ ވާދަވެރިކަމާއި ފޯރިއާއެކު އެ ޤައުމުގައި މިވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖޫން މަހުގެ 9 ވަނަ ދުވަހާއި މި މަހުގެ 8 ވަނަ ދުވަހާ ދެމެދު، ވޯލްޑް ކަޕާ ގުޅިގެން ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގެ އަދަދު 15 އަށް އަރައެވެ.
އަދި ހަމަނުޖެހުންތަކުގެ އިތުރުން، އުފާ ފާޅުކުރުމުގެ ތެރޭގައި މަރުވި މީހުން ހިމަނައިގެން ވޯލްޑް ކަޕާ ގުޅިގެން 12 މަރެއް އެ ގައުމުގައި ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ ހަމަނުޖެހުންތަކުގައި ފަސް މަރާއި ކަރަންޓުގައި ޖެހިގެން ދެ މަރުގެ އިތުރުން މަގުމަތީ އެކްސިޑެންޓުތަކުގައި ދެ މަރު އަދި އެހެނިހެން އެކްސިޑެންޓުތަކާ ގުޅިގެން ދެ މަރެވެ.
މީގެތެރެއިން ހަމަނުޖެހުންތަކާ ގުޅިގެން ހިނގި މަރުތަކުގެ ސަބަބުން ތިން މައްސަލައެއްގައި ތިން މީހަކު، އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން މިފަދަ ކަމެއްގައި އެންމެފަހުން މީހަކު މަރާލާފައި ވަނީ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16ގައި އާޖެންޓީނާއިން މިޞްރުގެ މައްޗަށް ކުރި ހޯދި މެޗާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައެވެ. މި ހަމަނުޖެހުމުގައި އާޖެންޓީނާގެ ދެ ސަޕޯޓަރަކު ދިން ހަމަލާއެއްގައި މަރާލާފައިވަނީ އުމުރުން 32 އަހަރުގެ ޝަރީފުލް އިސްލާމެވެ. މި ހަމަނުޖެހުން ހިނގީ ދާންޕޫރު ވިލެޖުގައެވެ.
މީގެއިތުރުން، މުބާރާތުގައި ބްރެޒިލްއާއި ޖަޕާން ބައްދަލުކުރި މެޗަށްފަހު ހިނގި ހަމަނުޖެހުމެއްގައި، ތޫނު އެއްޗަކުން ދިން ހަމަލާއެއްގެ ސަބަބުން އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކުވެސް މަރުވެފައިވެއެވެ.
މި މަރުތަކުގެ އިތުރުން، ވޯލްޑް ކަޕާ ގުޅިގެން ހިނގައިދިޔަ އެކިއެކި ކަންކަމުގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައްވެސް ލިބިފައިވެއެވެ.