ޚަބަރު

ކުއެންސާ ފިޔަވާ ހުރިހާ ކުޅުންތެރިން ތިބީ ފިޓުކޮށް: ޓުޗެލް


ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި މިރޭ ނޯވޭ އާއި ދެކޮޅަށް އިންގްލެންޑް ނިކުންނައިރު ސަސްޕެންޝަނުގައި ހުރި ކުއެންސާ ފިޔަވާ ހުރިހާ ކުޅުންތެރިން ފިޓުކޮށް ތިބި ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޖަރެލް ކުއެންސާ އަށް ކުއާޓަރ ފައިނަލުން ފުރުސަތު ގެއްލިފައިވަނީ ގަދަ 16 ގައި މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑާއިއެކު ދެ މެޗަށް އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

ނަމަވެސް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި ޑިފެންޑާރ ރީސް ޖޭމްސް އާއި މާކް ގުއޭހީ އަދި މިޑްފީލްޑަރ ޑެކްލަން ރައިސް ވަނީ އިންގްލެންޑް އިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

"އަހަރެންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ ކުޅުންތެރިންވެސް އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން. ސަސްޕެންޑް ކޮށްފައިވާ ކުއެންސާ ފިޔަވާ ހުރިހާ ކުޅުންތެރިން ބޭނުން ކުރުމުގެ ފުރުސަތު މިހާރު އެބައޮތް." ޓުޗެލް ބުންޏެވެ.

ޓުޗެލް އިތުރަށް ބުނެފައިވަނީ މެކްސިކޯ އާއި ދެކޮޅަށް ދެއްކީ މޮޅު ކުޅުމެއް ކަމަށާއި އަދި ކާމިޔާބީ ހޯދަން ބޭނުންވާނަމަ އަދި ކުރިއަށް ހުރި މެޗުތަކުގައިވެސް އެއަށްވުރެ ރަގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ.

އިންގްލޭންޑް އިން އިއްޔެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު އެ ޓީމުގެ ކުރީގެ ކެޕްޓަން ސަރ ޑެވިޑް ބެކަމް ވަނީ ޓީމާއިއެކު ފެނިފަ އެވެ.

ނޯވޭ އާއި ދެކޮޅަށް މިރޭ އިންގްލޭންޑް ނިކުންނައިރު މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލާންޑް ހިފެހެއްޓުމަށް އެ ޓީމުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

މި މެޗަށް ނޯވޭ އާއި އިންގްލެންޑް ނިކުންނައިރު ހާލަންޑް ވަނީ މި މުބާރާތުގައި މިހާތަނަށް 7 ލަނޑު ޖަހާފަ އެވެ. އަދި އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ 6 ލަނޑު ޖަހާފަ އެވެ.