ޚަބަރު

ޒަކާތު ފަންޑުން އިތުރު ފަރާތްތަކަށް އެހީތެރިވަނީ


ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާތަކަށާއި، ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން އަލަށް އިސްލާމްވާ މީހުންނަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

މި ފަރާތްތަކަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ދެއްވުމަށް ނިންމަވާފައިވަނީ ޒަކާތު ފަންޑުގެ ފީސަބީލިﷲ ބައިން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު އަޙްސަން ވިދާޅުވީ ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާކޮށް ޒަކާތު ފަންޑުގެ އުސޫލު މުރާޖަޢާ ކުރުމަށް ޒަކާތާއި ބެހޭ ކޮމެޓީން ބައްދަލްވުންތަކެއް ބާއްވަމުން ގެންދަވާ ކަމަށާއި މި ކަންކަން ނިންމަވާފައިވަނީ އެ ބައްދަލްވުންތަކުގައި ކަމަށެވެ. ޒަކާތު ފަންޑުގެ އުޞޫލު މުރާޖަޢާކޮށް ނިމުމުން، ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ  ޖަމްއިއްޔާ ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އުޞޫލް ފައިނަލް ކުރެވުމުން މާލީ އެހީ ދެވޭނެ މިންވަރުވެސް އެނގޭނެ ކަމަށް އަޙްސަން ވިދާޅުވިއެވެ.

ދީނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމެވީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރުކުރުމުގެ މަޤްސަދުގައި ކަމަށް އަޙްސަން ވިދާޅުވިއެވެ.

އަލަށް އިސްލާމްވާ މީހުންނަށް ޒަކާތު ފަންޑުން ފައިސާ ދޫކުރެއްވުމަށް ސަރުކާރުން ނިންމެވީ، ފަހަކަށް އައިސް އިސްލާމްދީން ޤަބޫލުކުރާ ބިދޭސީންގެ ޢަދަދު އިތުރުވެފައިވާތީ، އެ ފަރާތްތަކަށް މާލީ އެހީތެރިކަމެއްދެއްވުން މުހިންމުކަމަށް ސަރުކާރަށް ޤަބޫލުކުރެއްވޭތީ ކަމަށެވެ. ފަހުގެ އަހަރުތަކުގައި އަހަރެއްގެ މައްޗަށް ތިރީސްފަހަކާއި، ފަންސާހާ ދެމެދުގެ ޢަދަދެއްގެ މީހުން ރާއްޖޭގައި އަލަށް އިސްލާމްދީން ޤަބޫކުރާކަމަށް އިސްލާމިކް  މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ އަލަށް އިސްލާމްވާ މީހުންނަށް ރާއްޖޭގައި ޒަކާތު ފަންޑުން ފައިސާ ދޫކުރައްވަން ފައްޓަވާ ފުރަތަމަ ފަހަރުކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. މި ފަދަ އެހީތެރިކަން ދިނުމަކީ، އިސްލާމީ ބައެއް ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ ގޮތެކެވެ. އަދި މިއީ އިސްލާމްދީން ބާރުއަޅާ ކަމެއްވެސްމެއެވެ.

ރާއްޖޭގައި މިކަމުގައި ޢަމަލުކުރައްވަނީ ބަޙުރައިންގައި މިކަން ކުރަމުން އަންނަ ގޮތާ ވަރަށް އެއްގޮތް ގޮތަކަށްކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ. 

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ގެންދަވަނީ އަލަށް އިސްލާމްވާ މީހުންނާމެދު ޢަމަލުކުރައްވަމުން އަންނަ އުޞޫލް މުރާޖަޢާކުރެއްވުމުގެ  މަސައްކަތްވެސް ކުރައްވަމުންނެވެ.  އެގޮތުން އަލަށް އިސްލާމްވާ މީހާގެ ދީނީ އަގީދާ ވަރުގަދަކުރުމަށް، ހަފްތާއެއް ވަންދެން އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން އިސްލާމްދީން އުގަންނައިދިނުމުގެ މަސައްކަތަށް އެހީތެރި ވެދެއްވުމަށް މި އުޞޫލުގައި ހިމަނުއްވާފައިވެއެވެ.