ޚަބަރު

ސްޕެއިން ސެމީއަށް، ސެމީއަށްވެސް ގެންގޮސްދިނީ މެރީނޯ


  • ސްޕެއިން ކޮޅަށް މުބާރާތުގެ ފުރަތަމަ ގޯލް ޖެހީ ބެލްޖިއަމްއިން

ކްއާޓާ ފައިނަލްގައި ބެލްޖިއަމް ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ސެމީފައިނަލަށް ދަތުރުކުރީ 2-1 ން ބެލްޖިއަމް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންއަށް ލީޑް ނަގައިދިނީ ފަބިއަން ރުއިޒްއެވެ. 30 ވަނަ މިނިޓްގައި އޭނާ ލަނޑު ޖެހީ އޮލްމޯ ފޮނުވާލި ބޯޅައެއް ކީޕަރު ކޯޓުއާ މަތަކުރުމުން ރީބައުންސަށް ނިކުއިން ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން 41 ވަނަ މިނިޓްގައި ބެލްޖިއަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލީ ޗާލްސް ޑި ކެޓެލާރޭ އެވެ. ބެލްޖިއަމް ކްއާޓާ ފައިނަލަށް ގެންގޮސްދޭން އެމެރިކާ ކޮޅަށްވެސް އޭނާ ދެ ލަނޑު ޖެހިއެވެ. އަދި މިއީ މިމުބާރާތުގައި ސްޕެއިން ގޯލަށް ވަން ފުރަތަމަ ބޯޅައެވެ.

ސްޕެއިން ސެމީފައިނަލަށް ގެންގޮސް ދިން ލަނޑު ޖެހީ ބަދަލަކަށް ނިކުމެ މެރީނޯ އެވެ. 85 ވަނަ މިނިޓްގައި ކުޅެން ނިކުމެ 88 ވަނަ މިނިޓްގައި އޭނާ ލަނޑު ޖެހީ އޭރިޔާގެވެސް މާބޭރުން ޕައު ކުބާރީ ފޮނުވާލި ބާރު ބޯޅައެއް ބެލްޖިއަމްގެ ގޯލް އޭރު ބަލަހައްޓަމުން ދިޔަ ސެން ލަމެންސް އަތުގައި ޖެހިފައި ނިކުއިން ވަގުތު ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ. ޕޯޗްގަލް ކޮޅަށް ކްއާޓާ ފައިނަލްގެ އިތުރު ވަގުތުގައިވެސް މެރީނޯ ލަނޑު ޖެހީ 85 ވަނަ މިނިޓްގައި ކުޅެން ނިކުމެއެވެ.

މެޗުގައި 71 ވަނަ މިނިޓްގައި އަނިޔާގެ ސަބަބުން ބެލްޖިއަމްގެ އެއްވަނަ ކީޕަރު ބަދަލުކުރަން ޖެހުންވީ ބެލްޖިއަމްއަށް ދިމާވި ވަރަށްބޮޑު މައްސަލައެކެވެ. ބަދަލުކުރުމުގެ ކުރިން ކޯޓުއާ ވަނީ ޔަމާލްގެ ބާރު އެޓޭކަކާއި، އަރިމަތިން، ހަނި އެންގަލުން އޮޔަޒަބާލް ފޮނުވާލި ބާރު ބޯޅައެއްވެސް މަތަކޮށްފައެވެ. އަދި މެޗު ފަށަން ކުޑަތަންވެފައި ވަނިކޮށް ބެލްޖިއަމް ކެޕްޓަން ޔޫރީ ތިލަމެންސް އަށް ވާމްއަޕްގައި އަނިޔާވެ، ބަދަލު ގެންނަން ޖެހުނެވެ. މެޗަށް ނިކުތީ އަނިޔާގެ ސަބަބުން އޮނާނާވެސް ނުލައެވެ. ލޮސް އެންޖެލިސް ސްޓޭޑިއަމްގައި މެޗު ކުޅުނީ ފުލް ސްޓޭޑިއަމްއެއްގައެވެ.

މުބާރާތުގެ ސެމީފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ފްރާންސާއެވެ. ކްއާޓާ ފައިނަލް ތިންވަނަ މެޗުގައި ވާދަކުރާނީ އިންގްލެންޑާއި ނޯވޭއެވެ. އަދި ފަހު ކްއާޓާގައި ޗެމްޕިއަން އާޖެންޓީނާ ވާދަކުރާނީ ސްވިޒަރލެންޑާއެވެ.