ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއި ބައްދަލުކޮށް މުބާރާތަށް އަލްވަދާއު ކީ މިޞްރުގެ ޓީމު އެނބުރި ޤައުމަށް ދިއުމުން އެޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިޞްރުގެ ޓީމު ގޮވައިގެން ދަތުރުކުރި މަތިންދާ ބޯޓު އެޤައުމުގެ ނިއު އަލަމައިން އެއަރޕޯޓަށް ޖެއްސުމާއެކު އެބޯޓަށްވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އަދި މިޞްރުގެ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއަރޕޯޓް ދޮށަށް އެއްވެފައިތިއްބެވެ. އަދި ޓީމުގެ ކުޅުންތެރިން އެއަރޕޯޓުން ނިކުތުމާއެކު އެޓީމަށްވަނީ ހޫނުމަރުހަބާއެއް ކިޔައިފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މިޞްރުގެ ޓީމުވަނީ މީގެކުރިން ނުހޯދޭ ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. މިގޮތުން މިފަހަރު އެޓީމުންވަނީ ވޯލްޑް ކަޕްގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމުގެ އިތުރުން ފަހު 16 ޓީމުގެ ބުރުން އަލަށް ޖާގަހޯދައިފައެވެ. އަދި މުބާރާތަށް އަލްވަދާއު ކިޔާފައިވަނީ އާޖެންޓީނާ އާއި ދެކޮޅަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އާޖެންޓީނާއިން ކާމިޔާބު ކުރި ތިން ލަނޑުގެ ސަބަބުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މިޞްރުގެ ކޯޗު ހޮސާމް ހަސަންވަނީ މެޗުގެ ރެފްރީއަށް އާޖެންޓީނާ މުބާރާތުގައި ބޭއްވުމަށް ޕްރެޝަރު ކުރިމަތި ކުރުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ މެޗުގެ ތެރޭގައި އެޓީމާއި ދެކޮޅަށް ބޭއިންސާފުން ހިނގައިދިޔަ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައެވެ.
ނަމަވެސް މިކަންތައްތަކަށް ޖަވާބު ދީ ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާވަނީ މެޗުގެ އޮފިޝަލުން ދިފާއު ކޮށްފަ ވާހަކަ ދައްކާފައެވެ. އަދި މެޗުގެ އޮފިޝަލުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމުގެ ޔަގީންކަން ކޮލީނާ ދީފައިވެއެވެ. ކޮލީނާ ބުނީ ރެފްރީންގެ ނިންމުންތަކަށް ފާޑު ކިޔުމަކީ ފުޓްބޯޅައިގައި އޮންނަ ކަމެއް ކަމަށާއި ނަމަވެސް އެއޮފިޝަލުން ވަކިކޮޅަކަށް ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައް އޭނާ ކުށްވެރި ކުރިއެވެ.