ޚަބަރު

"ޤުރުއާން ތިލާވަތުކުރާ ކޮންމެ މީހަކަށް، ބަރަކާތާއި މަތިވެރިކަން ލިބޭނެ"


  • ހުކުރު ޚުތުބާގެ މަޢުޟޫއަކީ "ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން"

  • ކީރިތި ޤުރުއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލު

  • ޤުރުއާން ކިޔެވުމުގައި ދެމިހުންނަ މީހަކީ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް

އިޚުލާޞްތެރިކަމާއެކު ކީރިތި ޤުރުއާން ތިލާވަތުކުރާ ކޮންމެ މީހަކަށް، އެފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލެވެ. ހުރިހައި ކާމިޔާބީއެއްގެ ސިއްރެވެ. މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ "ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން" މި މަޢުޟޫއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއްކަމަށެވެ.

ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެކަން ޚުތުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

އަދި ޤުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލުކަމަށެވެ.

ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެކެވެ. އެކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އިޚުލާޞްތެރިކަމާއެކު އެފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށް، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެކަމަށެވެ.

އަދި އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް ކަމުގައެވެ.

"ޤުރްއާނުގެ މާހިރަކީ، އޭނާގެ ހިތުދަސްކުރުމުގެ ފެންވަރު ރަނގަޅުކަމުންނާއި މޮޅުކަމުން، ކިޔަވާ އިރު އަޅައިގަތުމެއް ނެތި ފަސޭހަކަމާ އެކު ކިޔަވާ މީހާއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައިވަނީ، ކީރިތި ޤުރުއާނާމެދު ތަޤުވާވެރިވުމަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ހެއުކަމެއް ވަނީ އެ ފޮތުގައި ހިފަހައްޓާ، އެ ފޮތް މަތިވެރިކުރުމުގައިކަމަށް ވިދާޅުވެފައެވެ. އަދި ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައިކަމަށް ޚުތުބާގައި ވިދާޅުވިއެވެ.