ޚަބަރު

ޚާމަނާއީ ފަސްދާނުވެޑުވުމާ އެކުއެކީ، އެމެރިކާގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް


އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ޝަހީދުކޮށްލާފައިވާ އީރާންގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު ޢަލީ ޚާމަނާއީ ފަސްދާނުވަޑުވައިފިއެވެ. ހަފުތާއަކަށް ދެމިގެންދިޔަ ޚާމަނާއީގެ ޖަނާޒާއާ ދިމާކޮށް އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން، އީރާނުން ވެސް ދަނީ ގަލްފުގެ ބައެއް ޤައުމުތަކުގައި ހުރި އެމެރިކާ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހުރްމުޒު ކަނޑުއޮޅިން ދަތުރުކުރި ތިން އާގުބޯޓަކަށް އީރާނުން ހަމަލާދީފައިވާ ކަމުގައި ތުހުމަތުކޮށް އެމެރިކާގެ ޢުދުވާނީ ހަމަލާތައް އައުކުރުމާއެކު، މީގެ ތިން ހަފުތާ ކުރިން ދެ ޤައުމުން ސޮއިކުރި އިބުތިދާއީ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.

އެމެރިކާގެ ޢުދުވާނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މައި މަރުކަޒެއް ހުންނަ ބޫޝަހްރުގެ އިތުރުން ކުނަރަކު، ޝުޤާދާކު، އަދި ބަންދަރް ޢައްބާސްއަށެވެ. ނަމަވެސް، ޚާމަނާއީ ފަސްދާނުވެޑުވުމުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އެމެރިކާއިން އެއްވެސް ހަމަލާއެއް ދީފައިނުވާނެ ކަމުގައި އެ ޤައުމުގެ އޮފިޝަލަކު ބުންޏެވެ. އިބުތިދާއީ ސުލްޙައިގެ އެއްބަސްވުން ނިމުމަކަށް އައިކަން އިޢުލާނުކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގެ އެހެން އޮފިޝަލަކު ވިދާޅުވީ، އީރާނާއެކު ޞުލްޙަވެރި ޙައްލެއް ހޯދުމަށް ފަންނީ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމުގައެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލުގެ އަފުލުމާ ގުޅިގެން ޢާންމުންގެ ނުރުހުން އިތުރުވެގެން ދިޔުމާއެކު، ޓްރަމްޕަށް ވަނީ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ.

ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އެމެރިކާއިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާތީ އީރާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އީރާނުގެ ބެލުމުގެ ދަށުން ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުގެ އަދަދު ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ %50 އިތުރުވެފައިވާ ކަމުގައި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުންޏެވެ. އަދި، އެމެރިކާއިން އިތުރަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ވެސް އައިއާރްޖީސީން ވަނީ ދީފައެވެ.

އެމެރިކާގެ ޢުދުވާނީ ހަމަލާތައް އީރާންގެ 90 ސަރަޙައްދަކަށް އަމާޒުކޮށްފައިވާ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުންޏެވެ. ރައްދުގައި އީރާނުން ވަނީ ކުވަޔިތުގައި ހުރި ޕެޓްރިޔަޓް މަރުކާގެ ވައިގެ ދިފާޢީ ނިޒާމަކާއި، ޤަޠަރުގައި ހުރި ދިފާޢީ އިންޒާރުދޭ ނިޒާމެއްގެ އިތުރުން، ބަޙްރަޔިންގައި ހުރި އެމެރިކާގެ އަސްކަރިއްޔާއިން ތެޔޮ ރައްކާކުރާ ގުދަނަކަށް ޙަަމަލާ ދީފައެވެ. މީގެ އިތުރުން، އުރުދުންގެ އަޒްރަޤު އަސްކަރީ މަރުކަޒަށް ހަމަލާތައް އަމާޒުކޮށްފައިވާނެ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ. ހުރްމުޒު ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އީރާނުގެ ހަމަލާތައް އަމާޒުކުރަމުންދާ ކަމުގައި ތުހުމަތުކޮށް، ޤަޠަރުން ވެސް ވަނީ އެ ފަދަ ހަމަލާތައް ހުއްޓައިލައި، ޚާރިޖީ މަޝްވަރާތަކަށް އަލުން ރުޖޫޢަވުމަށް ގޮވައިލާފައެވެ.