ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް މިރޭ ސްޕޭނާއި ބެލްޖިއަމް ބައްދަލު ކުރާ މެޗުގައި ދެ ޓީމަށް އެއް ކަމެއް ޔަގީންވާނެ އެވެ. މިއީ ކޮންމެވެސް އެއް ބަޔަކަށް މުބާރާތް ނިމޭ މެޗެވެ. ފަހަރުގައި މިއީ ބެލްޖިއަމްގެ ރަންޖީޅުގެ ކުޅުންތެރިންގެ ފަހު މެޗަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ކެޕްޓަން ކެވިން ޑެބްރޭނާ އާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި ފޯވަޑް ރޮމެލީ ލުކާކޫ ފަދަ ކުޅުންތެރިން މިރޭ ބަލިވެއްޖެނަމަ ވޯލްޑް ކަޕުން ދެން ފެނުމަކީ ވަރަށް ދުރު ކަމެކެވެ.
މި މެޗަށް ނުކުންނައިރު ބެލްޖިއަމް ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމު ޕްރެކްޓިސް ކުރަން ފީފާއިން ހަމަޖެއްސި ދަނޑުގެ ވިނަގަނޑުގެ މައްސަލަ އެވެ. ޕްރެކްޓިސް ދަނޑުގެ ވިނަގަނޑަކީ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ބެލްޖިއަމުން ފީފާގައި އެދުނީ އެ ނޫން ދަނޑެއް ހަމަޖައްސައިދިނުމަށެވެ.
މީގެ 20 އަހަރު ކުރިން ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ތައްޔާރުކުރި ބެލްޖިއަމްގެ ރަންޖީލުގެ ކުޅުންތެރިން ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދަން ލިބޭނެ އެންމެ ފަހު ފުރުސަތަކީ މިފަހަރުގެ ވޯލްޑް ކަޕެވެ. ޓީމުގައި މުޅިން ވެސް ތިބީ ތަރިންނެވެ. އެކަމަކު އެންމެ ފަހުގެ ދެ ވޯލްޑް ކަޕާއި ޔޫރޯގައި ވެސް މާއެދެވޭ ކާމިޔާބީއެއް ނުލިބުމުން މި ފަހަރުވެސް ބެލްޖިއަމް ސެމީ އަށް ވެސް ދަތުރު ކުރެވިދާނެތޯ ސުވާލު ކުރާ މީހުން މަދެއްނޫނެވެ. މުބާރާތުގައި މިހާތަނަށް އެވަރުގެ ކުޅުމެއް ވެސް ދެއްކިފައިނުވާ ކަމަށް ދެކޭ މީހުން ގިނަ އެވެ.
1920 ވަނަ އަހަރު ވަނަ އަހަރު އޮލިމްޕިކް ގޯލްޑް މެޑަލް ހޯދި ބެލްޖިއަމަކީ މި ފަހަރުގެ މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދާނެ ކަމަށް ޓީމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައިގަނޑު ސަބަބަކީ ރަންޖީލު މުސްކުޅިވެ، ގިނަ ކުޅުންތެރިން ފޯމު ކަޓާފައި ތިބުމެވެ. ދެ ވަނަ ކަމަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަރޯސާވުމެވެ. މިހެންވެ ކުޅުންތެރިންގެ ގުޅުން ކުޑަ އެވެ. ޓީމުގެ ފަހަތާއި ގޯލްކީޕިން ޑިޕާޓްމަންޓް ވަރުގަދަ ނަމަވެސް އަރިމަތިން ކުޅޭ ކުޅުންތެރިން ހަލުވި ސްޕީޑުގެ ބޭނުން ވެސް އެދެކޭ ގޮތެއްގައި ހިފިފައިނުވެ އެވެ. މެދުތެރެއިން ޑެބްރޫނޭއާއެކު ޒުވާނުން ލިޔަސް ބެލްޖިއަމް ޓީމުގައި ހިމެނިޔަސް މާބޮޑު އާރެއް ނެތް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.
މިއާ ހިލާފަށް ސްޕޭނަކީ ތަފާތު ޓީމެކެވެ. ކޯޗު ލުއިސް ޑެލަފުއެންޓޭ ދެކޭ ގޮތުގައި އޭނާގެ ޓީމަކީ މުބާރާތުގެ އެންމެ މޮޅު ޓީމެވެ. އެކަމަކު ސްޕޭނުގެ އެންމެ ގަދަ ކަމަށް ކިޔާ ކުޅުންތެރިންގެ ފޯމު ވެސް ރަނގަޅެއްނޫނެވެ. ލަމީން ޔަމާލާއި ނިކޯ ވިލިއަމްސް އަށްވުރެ ވިދުން ގަދައީ ޑެނީ އޮލްމޯ އާއި ފޯވަޑް އޮޔަޒަބަލް އެވެ. އެކަމަކު ވަރުގަދަ އަދި ހާއްސަކޮށް ޑިފެންސިވް ޓީމުތަކާ ދެކޮޅަށް މި ކުޅުންތެރިންނަށް ވެސް މާބޮޑު ވަރެއް ނުކުރެވުމަކީ ސްޕޭން ފިކުރު ބޮޑުވާ ކަމެކެވެ. ކޯޗު ޑެލަފުއެންޓާ މިކަމަށް އެއްބަސް ނުވި ނަމަވެސް އޭނާގެ ޓީމަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ދިފާއީ ގޮތުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގޯލު ނުޖެހުމެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ސްޕޭން ގަދަ އަށަކަށް ދަތުރު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ބަޔަކީ މިޑްފީލްޑަރުންނާއި ފުލްބެކުންނެވެ. މިހެން ނަމަވެސް ސްޕޭނުގެ ވަކިވަކި ކުޅުންތެރިންގެ ހުނަރަކީ އާދައިގެ ކަމެއްނޫނެވެ. ބެލްޖިއަމުން ފަޅި ސިކުންތަކަށް ވެސް މިއިން ކުޅުންތެރިއެއްގެ ކުރިމަތީގައި ފަރުވާ ކުޑަކޮށްލައިފިނަ ސެމީ ފައިނަލް ނުކުޅެ ފޮށިތަންމަތި ބަންނަންޖެހޭ ޓީމަކަށް އެ މީހުން ވެދާނެ އެވެ.