އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަޤާމުގައި ވޭތުވެދިޔަ 7 އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.
އިބްރާހިމް ރަޝީދު ހަސަން ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ، އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެކެވެ.
މަޤާމުން ވަކިވެވަޑައިގަންނަވަމުން ޝައިޚް ވަނީ އިތުބާރު ކުރައްވައި އެ މަޤާމަށް އައްޔަންކުރެއްވި ކަމަށްޓަކައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، މަސްއޫލިއްޔަތު އަދާކުރުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި، މިހާރުގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި އަގުހުރި ނަސޭހަތާއި އިރުޝާދަށްޓަކައި އެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން، އިސްލާމީ މަރުކަޒުގައި އޭނާއާއެކު މަސައްކަތްކުރެއްވި އިސްއިމާމް ފަޟީލަތުއް ޝައިޚް މުޙައްމަދު ލަތީފް، އަލްހާފިޡް ސަލްމާން މުޙައްމަދު ލަތީފް، އައްޝައިޚް ނަޞްރުﷲ ޢަލީ، އަދި އައްޝައިޚް ޢައްމާރު އިލްޔާސްގެ ނަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައިވެއެވެ. އަދި އިސްލާމީ މަރުކަޒުގެ މުއައްޒިން އިމާމް އަޙްމަދު ރަފީޢުއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެހާ މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިބްރާހިމް ރަޝީދު ހަސަން ވިދާޅުވި ގޮތުގައި، އިމާމްކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ތަޢުލީމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށެވެ. އެގޮތުން ޝައިޚް އިބްރާހީމް ރަޝީދު ޙަސަން މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ވަޒީފާ އަދާކުރައްވަން ފަށްޓަވާފައެވެ.
އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އާއި މަދީނާގެ އިސްލާމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޢިލްމުވެރިއެކެވެ. ކީރިތި ޤުރުއާން ހިތުދަސް ޝައިޚް އިބްރާހީމް ރަޝީދު ޙަސަނަ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތާއި އެނޫންވެސް މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ.