ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތަމްރީނު 300 ފަރާތަކުން ފުރިހަމަކޮށްފި


  • މިއީ 5 އަހަރުގެ ތެރޭގައި ތަމްރީނު ފުރިހަމަކުރި އަދަދު

  • 2022 އިން 2025އަށް 10 ތަމްރީނު ޕްރޮގްރާމެއް

  • ތަމްރީނު ޕްރޮގްރާމުތަކުގައި 5 މުޢައްސަސާ ބައިވެރިވި

ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ކުޑަކުދިންނާއެކު މަސައްކަތް ކުރާ ފަރާތްތަކުގެ ތަމްރީނު މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާކަމަށް ދާޚިލީ ސަލަމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން، މިކަން ހާމަކޮށްފައިވަނީ 11ވަނަ ކުޑަކުދިންގެ ޢަދުލުގެ ތަމްރީނު ޕްރޮގްރާމު ނިންމުމަށް ފަހުއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ މައްސަލަތަކުގައި ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުންދާ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ކޮންމެ ކުއްޖަކާއެކު މަސައްކަތް ކުރާ ފަރާތަކީ އަދި ކުޑަކުދިންގެ ކަންކަމުގައި ގޮތް ނިންމާ ފަރާތްތަކަކީ ކަނޑައެޅިފައިވާ ވަކި ތަމްރީނުތަކެއް ފުރިހަމަ ކުރެވިފައިވާ ބަޔަކަށް ހެދުމެވެ.

5 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ 05 މުއައްސާސާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެ މުއައްސަސާތަކުން ބައިވެރިން ހޮވުމުގައި، ކުޑަކުދިންގެ ކަންތައްތަކުގައި ގޮތް ނިންމާ އަދި އެކުދިންނާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އިސްކަންދީފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވިއެވެ. މިފަހަރު ކުރިއަށް ގެންދެވުނު 11 ވަނަ ކުޑަކުދިންގެ ޢަދުލުގެ ތަމްރީނު ޕްރޮގްރާމުގައި 29 ފަރާތެއް ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަހުމަދު ސިއްދީޤު ވަނީ، މި ތަމްރީނު ޕްރޮގްރާމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ މިހާތަނަށް 2022 ވަނަ އަހަރުން ފެށިގެން މީގެ 10 ޕްރޮގްރާމެއް ބޭއްވިފައިވާއިރު މި ޕްރޮގްރާމުތަކުން ގިނަ ބައިވެރިންތަކެއް ތަމްރީނު ކުރެވިފައިވާ ކަމަށެވެ.

"މި 10 ޓްރެއިނިން ޕްރޮގްރާމުތަކުގެ ތެރޭގައި 287 ބައިވެރިން ތަމްރީނުކުރެވި ނިމިއްޖެ. އެއީ ބޮޑު ކާމިޔާބީއެއް. މި ބައިވެރިންނަކީ އަންނަން އޮތް ޖީލުތަކަށް ކުދިންނަށް ރަނގަޅު ގޮތް ބުނެދިނުމަށް ތަމްރީނު ވެފައި ތިބި ފަރާތްތަކޭ. " ސްޓޭޓް މިނިސްޓަރ ސިއްދީޤު ވިދާޅުވިއެވެ.

ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ސިއްދީޤު ވިދާޅުވި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެކި މަރުހަލާތަކުގައި މަސައްކަތް ކުރާ 5 މުޢައްސަސާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވިއިރު ކޮންމެ މަރުހަލާއެއްގެ ތެރެއިންވެސް ކުޑަކުދިންނާއި މުޢަމަލާތް ކުރާނެ ގޮތްތައް މި ތަމްރީން ޕްރޮގްރާމު މެދުވެރިކޮށް ކިޔާދެވިފައިވާ ކަމަށެވެ. މި ނިޒާމުގެ ތެރޭގައި ކުއްޖެއްގެ މައްސަލައެއް އަންނައިރު އެކުއްޖާއާއި މުޢައްސަސާތަކުން މުޢަމަލާތް ކުރާގޮތުން މި ޒަމާނުގައި ކުއްޖާއަށް އޭގެ އަސަރު ކުރާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ މިމަސައްކަތަކީ އަދުގެ ސަރުކާރުން ވަރަށް އިސްކަން ދީގެން ދާޚިލީ ވަޒީރުގެ އިސްނެންގެވުމުގެ މަތިން ވަކި ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

ސިއްދީޤު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ރަނގަޅު ކުރުމަށް މިވޭތުވެ ދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށް އަދި ޚަރަދުތަކެއްވެސް ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވުނު ކަމުގައިވިއަސް އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަމުގެ ބިންގާ މިހާރު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ތަމްރީނު ބާއްވާފައިވަނީ މިމަހުގެ 5 އިން 9 އަށެވެ. މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުޙުންގެ ޚިދުމަތާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ޖުވެނައިލް ކޯޓާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ޓްރެއިނިންގް އިންތިޒާމު ކުރި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް ބައިވެރިވެފައިވެއެވެ.