ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ އެންމެ ގާތް އެކުވެރިޔަކީ ދިވެހިރާއްޖޭގެ އަޑެވެ. މެޗުތަކުގެ ލައިވް ކޮމެންޓްރީއަކީ ގިނަ ބަޔަކު އެއަށް އިންތިޒާރުކުރާ އެއްޗަކަށް ޒަމާނުއްސުރެ އޮތީ ވެފައެވެ. މި އިންތިޒާރު ކުރިއެކޭ އެއްގޮތަށް މިހާރުވެސް ކުރެއެވެ. އެގޮތުން މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގެ ފޯރި ރޭޑިއޯގެ އެހީގައި ނަގާ މީހުންވެސް މަދެއް ނޫނެވެ.
މިފަހަރުގެ ވޯލްޑްކަޕްގެ މެޗުތަށް ދިވެހި ބަހުގެ ކޮމެންޓްރީއާއި އެކު އަޑު އަހާލެވެން ހަމައެކަނި ވަސީލަތަކީވެސް ދިވެހި ރާއްޖޭގެ އަޑެވެ. ރޭޑިއޯއިން މެޗުތައް ގެނެސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޓީމަކީ ޓެކްނިކަލް ޓީމުގެ އިތުރުން މުހައްމަދު ރަމީޒު، އަލީ ޝިމްރީ އަދި ވާސިފް އަހުމަދެވެ.
ކޮންމެ މެޗެއް ފެށުމުގެ ކުރިން ދެ ޓީމުގެ މައުލޫމާތާއި މެޗު ފެށުމަށް ވަމުންދާ ތައްޔާރީތައް ހުށަހަޅައިދެނީ ރަމީޒެވެ. އެއަށްފަހު ކޮމެންޓްރީ ދިނުމަށް ވާސިފް އަދި ޝިމްރީއާއި ހަވާލުކުރެއެވެ. މި ފަހަރުގެ ތަޖްރިބާ ހިއްސާ ކުރަމުން ރަމީޒް ބުނީ ދިވެހި ރާއްޖޭގެ އަޑުން ފީފާ ވޯލްޑްކަޕްގެ މެޗުތައް މި ގެނެސްދެނީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ކަމަށެވެ.
"ގާތްގަނޑަކަށް މީގެ 16 ވަރަކަށް އަހަރު ކުރިން ގެނެސްދިނީ، އެފަހަރުވެސް އަޅުގަނޑުމެން ސެނަކޯ މާލަމުގައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން ވަަރަށް ރަނގަޅު ޓީމަކުން މިކަން ކުރަމުން ގެންދިޔައީ. މި ފަހަރުވެސް ވަރަށް ކުރިޔާލާ ތައްޔާރުވެގެން އެހުންތެރިންނަށް ހުރިހާ މެޗެއް ގެނެސްދިނުމަށްޓަކައި ވަރަށް ބުރަ މަސައްކަތެއް ރެއާ ދުވާލު ކުރަނީ. ވަރަށް ދަން ގަޑިތަކުގައި މެޗުތައް މި އޮންނަނީ އެހެންވީމަ ކޮންމެ ގަޑިއަކީވެސް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ގަޑިއަކަށްވީމަ" ރަމީޒް ބުންޏެވެ.
ރަމީޒް ބުނީ، ލިބޭ އެންމެ ބޮޑު އުފަލަކީ އެހުންތެރިންގެ ފަރާތުން ލިބޭ ކޮމެންޓުތައް ކަމަށެވެ. އެހުންތެރިން ހިތްހަމަ ޖެހޭ ގޮތަށް މެޗުތަށް ގެނެސްދެވޭކަމުގެ އިހުސާސް ލިބޭ ކޮމެންޓްތަކުން ކުރެވުމަށްވުރެ ބޮޑު އުފަލެއް މި ޓީމަކަށް ނެތެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ ޓީވީން މެޗު ބަލަމުންދާއިރު ރޭޑިއޯއިން ހަމައެކަނި އަޑުއަހާލަނީއޭ. އިނގިރޭސި ކޮމެންޓްރީއަށްވުރެ މާ ރަނގަޅޭ ދިވެހި ކޮމެންޓްރީ. އޭ ދެން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ރަމީޒް ބުންޏެވެ.
ވާސިފު ބުނީ ޓީވީ ބަލައިގެން ކޮމެންޓްރީ ގެނެސްދިން ނަމަވެސް، މެޗުތައް ދައްކާއިރު ދަނޑުގެ އަޑުތައް އިވޭތީ، ދަނޑުގައި އެ އޮންނަ ފޯރި ގެނެސްދޭން އުނދަގޫ ނޫން ކަމަށެވެ.
ވާސިފު ބުނީ "ފުރަތަމަ ސެނަކޯގައި ހަނދާންވާ ގޮތުން 2006 ގެ ވޯލްޑްކަޕް ގެނެސްދިނީ. އޭރު އެކުވެރި ސްޓާފުންނާއެކީ ފެންނަންވެސް އޮވޭ ބޮޑު އޯޑިއަންސެން. ބޮޑު ޓެކްނިކަލް ޓީމަކާއެކީ ވަރަށް ބޮޑު ތަނެއްގައި ބޮޑު ސްކްރީނަކުން ބަލައިގެން އޭރު އެކަން ކުރަމުން އައީ. ސެނަކޯ މާލަމު ތެރެއިންވެސް އެ ފޯރި ނެގީމަ އޭރު އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ. އޭރު ތަންކޮޅެއް ޖޯޝާއެކީ އެކަން ކޮށްލެވުނު" ކަމަށެވެ.
ރަމީޒެކޭ އެއްގޮތަށް ވާސިފުވެސް ފާހަގަ ކުރީ އެހުންތެރިންނަށްޓަކައި ވަކިން ހާއްސަކޮށް ލޮލަށް ނުފެންނަ މީހުންނަށް ވޯލްޑްކަޕްގެ މެޗުތައް ގެނެސްދެވޭ ކަމީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަަމަށެވެ. އަދި މެޗަށް ތައްޔާރުވެ މައުލޫމާތު އެއްކޮށްގެން ކޮންމެ މެޗެއްވެސް ރޭޑިއޯއިން ގެނެސްދެނީ ދަނޑުގައި ތިބެވޭ ކަހަލަ ޖޯޝެއްގައި ހުރެގެން ކަމަށެވެ.
"ރައްޓެހިންވެސް ގުޅާފައި ބުނޭ ވަރަށް ރަނގަޅޭ. ވަރަށް ހިތްހަމަ ޖެހޭ ރަނގަޅު ކޮމެންޓްސް އަންނާތީ. ކާރުގައި ތިބޭ މީހުންވެސް ބުނޭ ވަރަށް ފަސޭހައޭ. ލޮލަށް ފެނުމުން މަހްރޫމްވެފައި ތިބޭ ކުދިންވެސް ބުނޭ ވަރަށް ހިތްހަމަ ޖެހެއޭ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ އަޅުގަނޑުމެންނަށް ލިބޭ" ވާސިފް ބުންޏެވެ.
އޭރާއި މިހާރުގެ ވޯލްޑްކަޕް ކަވަރޭޖާއި ގުޅޭ ގޮތުން ޝިމްރީވެސް ފާހަގަކުރީ ސެނަކޯ މާލަމުގައި އިހުގައި ނެގި ފޯރިއެވެ. ރޭޑިއޯގައި މަސައްކަތް ކުރާ އެތަށް ބައިވަރު ސްޓާފުންނަކާއެކު އެ ހޯލުގައި އޭރު ނެގި ފޯރީގެ ވާހަކައެވެ. އޭރު މެޗުތައް ގެނެސްދޭން ވަރަށް ބޮޑަށް ފަސޭހަވި ކަމަށާއި، އެ ހޯލުގައި ނެގި ފޯރިއާއި ޖޯށުގެ ސަބަބުން މެޗުގެ ތެރެއަށް ވަދެވިފައިތިބޭ މިންވަރެވެ.
"އޭރު ސެނަކޯގައި ވަރަށް ބޮޑު އޯޑިއަންސަކާއެކީގައި މިކަން ކުރީ. ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަދެގެން ވަރަށް ފޯރީގައި އަޅުގަނޑުމެން ތިބެނީ. ދަނޑުގައި ތިބެވޭ ކަހަލަ އިހުސާސް ކުރެވޭ. މިހާރުވެސް ނެޗުރަލް ސައުންޑާއެކީގައި އަޅުގަނޑުމެންނަށް މެޗު ފެންނަނީ. އެހެންވީމަ ޓީވީން ބަލައިގެން ކޮމެންޓްރީ ދޭއިރުވެސް ވަރަށް ބޮޑަށް އޭގެތެރެއަށް ވަދެގެން އެ ޖޯޝު އާދޭ ހަމަ" ޝިމްރީ ބުންޏެވެ.
ޝިމްރީއަށްވެސް އެންމެ ބޮޑު ހިތްހަމަ ޖެހިުމަކީ ރޭޑިއޯއިން މެޗުގެ ފޯރި ނަގާ އޯޑިއަންސަށް ލިބޭ ހިތްހަމަޖެހުމެވެ. މެޗުގެ ހުރިހާ ކަމެއް ވަގުތުން ސިފަކޮށްދެމުން ދަނޑުގައި އޮތް އޮއިވަރާއި އެގޮތަށް އެ ޖޯޝާއި ފޯރީގައި އެހުންތެރިންނށް ވޯލްޑްކަޕްގެ މެޗުތައް ގެނެސްދެވޭ ކަމީ މުޅި ޓީމަށް ލިބޭ އެންމެ ބޮޑު އުފަލެވެ. "ވަރަށް ގިނަ މީހުން ބުނޭ ރަނގަޅޭ. ވަރަށް ރަނގަޅަށް ސިފަ ކޮށްދެން މެޗުގެ ހުރިހާ ކަމެއް. ވަރަށް ރަނގަޅު ފީޑްބެކް އާދޭ" ޝިމްރީ ބުންޏެވެ.
ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ގެނެސްދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ޓީމުން ކުރާ މަސައްކަތަކީ ބުރަ އެހެންނަމަވެސް ޝައުގުވެރި މަސައްކަތެކެވެ. ބޮޑު ޓީމެއް ނޫންނަމަވެސް އެންމެ ފުރިހަމަ ގޮތުގައި މެޗުތައް އެހުންތެރިންނާއި ހަމައަށް ގެނެސްދޭއިރު، ޕީއެސްއެމްގެ މެނޭޖުމެންޓުން މަސައްކަތްކުރަނީ ރޭޑިއޯގެ އެހުންތެރިންނަށްވެސް ވޯލްޑްކަޕްގެ ފޯރިއާއި ޖޯޝު ޓީވީއެކޭ އެއްގޮތަށް ގެނެސްދިނުމަށެވެ.