ޚަބަރު

އާކާއި ވައިޓަލް ކެއަރއިން ކުޑަކުދިންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރަން އެއްބަސްވުމެއް!


  • ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްޙީ އެސެސްމަންޓުތައް ކުރިއަށް ގެންދާނެ

  • މީގެ ކުރިންވެސް ގުޅިގެން މިފަދަ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފި

ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ވައިޓަލްކެއަރ އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން އާކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނަށް އަމާޒުކޮށް، ދިވެހި މުޖުތަމައުގައި ދުޅަހެޔޮ ދިރިއުޅުން އާލާކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން، ސްކޫލް ހެލްތު ސްކްރީނިންގގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްހީ އެސެސްމަންޓުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވައިޓަލްކެއަރގެ ހެލްތު ސްކްރީނިންގ ވަސީލަތްތައް ބޭނުންކޮށްގެން، ބެލެނިވެރިންނާއި، މުދައްރިސުން އަދި ސްކޫލްތަކުގެ މުވައްޒަފުންނަށްވެސް ސިއްހީ އެސެސްމެންޓްތައް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ޕާޓްނަޝިޕްގެ ދަށުން ކުރިއަށްގެންދާ ހެލްތު ސްކްރީނިންގ ތަކުން ފާހަގަވާ ކަންކަމަށް ބިނާކޮށް، ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިގޮތުން، އަނގަޔާއި ދަތުގެ ސިއްހަތު، ނިއުޓްރިޝަން، ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން، އަދި ދުޅަހެޔޮ ދިރުއުޅުމާގުޅޭ މައުލޫމާތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

މި ހަރަކާތްތަކަކީ، އާކްގެ "ހެލްތީ އީޓިންގ އެކްޓިވް ލައިފްސްޓައިލްސް (ހީލް) ކެމްޕޭން" ގެ މެސެޖްތަކާ އެއްގޮތަށް، ފައިދާހުރި ކާނާ އިޙްތިޔާރު ކުރުމަށާއި، ހަކުރު ގިނަ ބުއިންތައް މަދުކުރުމުގެ އިތުރުން، ހަރަކާތްތެރިވެ އުޅުމަށް ބާރުއަޅާ މަސައްކަތްތަކެކެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ ކޮންޓެންޓާއި، ވީޑިއޯ، ޕޯސްޓަރު އަދި ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވައިޓަލްކެއަރ އާއި އާކްއިން މީގެ ކުރިންވެސް ވަނީ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ކ. ހުރާ ސްކޫލުގައި ދެ ދުވަހުގެ ކޭމްޕެއް ބާއްވާފައެވެ. ކޭމްޕުގައި 245 ދަރިވަރުން ބައިވެރިވެ، ކުޑަކުދިންގެ ޑޮކްޓަރުންނާއި ޑެންޓިސްޓުންގެ ލަފާ ހިލޭ ފޯރުކޮށްދީފައިވެއެވެ. މި އައު އެއްބަސްވުމާއެކު، ދެ ފަރާތުގެ އަމާޒަކީ މިފަދަ ހަރަކާތްތައް ރާއްޖޭގެ އިތުރު ސްކޫލްތަކަށާއި ރަށްތަކަށް ފުޅާކޮށް، ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމެވެ.