ކުޅިވަރު

ކަލާސް އެވޯޑް - ހިތްވަރާއި ހިތްހަމަޖެހުން ގެނެސްދޭ އެވޯޑެއް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމާއެކު ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުން، ކުޅިވަރުތަކުގައި ހޯދަމުންދާ ކާމިޔާބީ ފާހަގަކޮށް އެކަމަށް ޚާއްސަ އެވޯޑެއް ދޭން ފެށި 2014 ވަނަ އަހަރުއެވެ. މިއަހަރުގެ ކަލާސް އެވޯޑް 130 ދަރިވަރަކަށް ދީފައިވާއިރު، މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު 41 އިންސައްތަ އިތުރު އަދަދެކެވެ. ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ގައުމީ ފެންވަރުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑަށް، ސްކޫލުތަކުން ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާއިރު މި އެވޯޑަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ކުޅިވަރުގައި ކުރިއަށްދާން ހިތްވަރުދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދެއްވަމުން އަންނަ އެވޯޑެކެވެ. މި އަހަރުގެ ކަލާސް އެވޯޑް ހާސިލްކުރި ދަރިވަރުން ފާހަގަކުރާ ގޮތުގައި މި އެވޯޑަކީ އެކުދިންނަށް ކުޅިވަރުގައި ކުރިއަށްދާން ލިބިގެންދާ ވަރަށްބޮޑު ހިތްވަރެކެވެ. ސްކޫލްތަކުންނާއި، އެޑިއުކޭޝަން މިނިސްޓްރީންވެސް އެކުދިންގެ ހުނަރު ބަލައިގަންނަކަމުގެ ހެއްކެކެވެ.

މައިލޯ ކަލާސް އެވޯޑާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެވޯޑެއް ދަރިވަރުން ހާސިލްކުރުމުގައި ގިނަ ބައެއްގެ ހިއްސާ އޮންނާނެކަމަށާއި، މިކަމުގައި ބައިވެރިވާ ފަރާތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. އަދި ކުޅިވަރުގައި ފުރުސަތުތައް އޮތްކަންދަނެ އެ ދަރިވަރަކު ޝައުގުވެރިކަންހުރި ކުޅިވަރެއްގައި ކުރިއަށްދިޔުމަށް ދަރިވަރުންނަށް އެކަމަނާ ގޮވާލެއްވިއެވެ.

މައިލޯ ކަލާސް އެވޯޑާއިއެކު އެކި ކުޅިވަރުތަކުގައި ކުދިން ބައިވެރިވާ މިންވަރު އިތުރުވެފައިވާއިރު، ބެލެނެވެރިންވެސް ދަރިވަރުން އެކި ކުޅިވަރުތަކުގައި ބައިވެރިވާން ބާރުއަޅާކަން ސްކޫލްތަކުން ފާހަގަކުރެއެވެ. އަދި ކަލާސް އެވޯޑްގެ ސަބަބުން ސްކޫލްތަކުގެ ދަރިވަރުން ވާދަކުރާ ކުޅިވަރު މުބާރާތްތަކުގެ ފެންވަރު ރަނގަޅުވެ، މި ދަރިވަރުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައިވެސް ވާދަކުރާ މިންވަރު އިތުރުވެފައިވާކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ. 

ކަލާސް އެވޯޑް ލިބުނު ކުދިން ފާހަގަކުރާ ގޮތުގައި ކޮންމެ އަހަރަކުވެސް އެވޯޑް ހޯދުމަށް ހުރިހާ ކުދިންވެސްދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކަލާސް އެވޯޑްގެ އިތުރުން އެގާރަ ދަރިވަރަކަށް ސްޕޯޓްސް ސްކޯލާޝިޕްވެސް އެޑިކޭޝަން މިނިސްޓްރީންވަނީ ދެއްވާފައެވެ. މިހާތަނަށް ޖުމްލަ 13 ދަރިވަރަކަށް ސަރުކާރުން ސްޕޯޓްސް ސްކޮލާޝިޕް ދީފައިވާއިރު، ސްކޮލާޝިޕުގެ ދަށުން ކުޅިވަރުގެ ދާއިރާއިން ފާހަގަކުރެވޭ ދަރިވަރުންނަށް އެދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެވޭނެއެވެ. އަތޮޅުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް މާލޭގެ ސްކޫލްތަކުން ތައުލީމް ހާސިލްކުރުމުގެ އިތުރަށް، މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ރާއްޖޭއިން ބޭރުން ތަމްރީން ހެދުމުގެ ފުރުސަތެއް ލިބިއްޖެނަމަ އެ ދަރިވަރަކު ތަމްރީން ހަދަމުންދާ ގައުމެއްގެ ސްކޫލެއްގައި ކިޔެވޭނެ އިންތިޒާމް މި ސްކޮލާޝިޕްތަކުގެ ސަބުބުން މަގުފަހިކޮށްދެވޭނެއެވެ.

ކާލާސް އެވޯޑްގެ މަގްސަދުކަމުގައިވާ ބައިނަލްއަގްވާމީ ދަނޑުތަކުގައި ދިވެހި ގައުމު ތަމްސީލްކޮށް ގައުމަށް ރަންވަނަތައް ހޯދައިދީ، ގައުމަށް ރީތިނަން ހޯދައިދޭނެ ގައުމީ ބަތަލުން ފާހަކުރުމުގެ މަސައްކަތް މި އެވޯޑާއިއެކުދަނީ ވަރަށް ފުރިހަމައަށް ހާސިލްވަމުންނެވެ.