ޖަރުމަނުވިލާތުގައި ހޫނުގަދަވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 5،120 މަރު ރެކޯޑުކޮށްފައިވާ ކަމަށް ރޮބާޓް ކޮޗް އިންސްޓިޓިއުޓް (އާރުކޭއައި)އިން ބުނެފިއެވެ.
މަރުވި މީހުންގެ ތެރެއިން ގިނަ މީހުން ނިޔާވެފައި ވަނީ ޖޫން މަހުގެ ފަހުކޮޅުގައެވެ. އެ ދުވަސްވަރުގެ އެވަރެޖް ފިނިހޫނުމިން ހުރީ 20 ޑިގްރީ ސެލްސިއަސްއަށްވުރެ މާ ބޮޑަށް މަތީގައެވެ. އެއީ ވިލާތުގެ ޤައުމެއް ކަމަށްވާ ޖަރުމަނުވިލާތަށް ވަރަށް މަތީ މިންވަރެކެވެ.
މަރުވި މީހުންގެ ތެރެއިން 4،270 މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށް އާރުކޭއައިއިން ބުނެއެވެ. އެ ގޮތުން އެ މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުން
ނެވެ. މަރުވި މީހުންގެ ތެރޭގައި ފިރިހެނުންނަށްވުރެ ގިނައީ އަންހެނުންނެވެ. އޭގެ މައިގަނޑު ސަބަބަކީ އުމުރުން ދުވަސްވީ މީހުންގެ އާބާދީގައި ގިނައީ އަންހެނުން ކަމަށްވުމެވެ.
ޖަރުމަނުވިލާތުގެ އިތުރުން ވިލާތުގެ އެހެން ޤައުމުތަކުގެ ފިނިހޫނުމިން ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ގޮތުން ވިލާތުގެ ހުޅަނގުގެ ޤައުމުތަކުން މިހާތަނަށް ތަޖުރި
ބާކޮށްފައިވާ އެންމެ ހޫނު ޖޫނު މަސް ތަޖުރިބާކޮށްފައި ވަނީ މި އަަހަރުގެ ޖޫން މަހުގައެވެ. ޖޫން މަހުގެ 20ވަނަ ދުވަހުން 28ވަނަ ދުވަހަށް އައި ހީޓްވޭވުގައި ފަރަންސޭސިވިލާތާއި ބެލްޖިއަމްއާއި ސްޕެއިންއާއި ނެދަލެންޑްސް އެއްކޮށްލުމުން އެ ޤައުމުތަކުގައި އާންމުކޮށް މީހުން މަރުވާ ނިޞްވަތަށްވުރެ 4،700 މީހުން އިތުރަށް މަރުވެފައިވެއެވެ.
ހޫނުގަދަވުމުގެ ސަބަބުން މީހުން މަރުވުމަށް ދިމާވަނީ ނުސީދާ ގޮތްގޮތުންނެވެ. އާދަޔާޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. އަދި ހަށިގަނޑުން ފެން މަދުވެ، ކިޑްނީ ފޭލުވުން ފަދަ މައްސަލަތައް ދިމާވެއެވެ. އޭގެ އިތުރުން ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެ، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ސްޓްރެސް އިތުރުވެ، ބަލިބޮޑުވުމަށް މެދުވެރިވެއެވެ.