ބުރު ބަލިކޮށް، އޮޑި ސްޕޯރޓްސް ކްލަބް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ. އޮޑިން މިއަދު ބުރު ސްޕޯރޓްސް ކްލަބް ބަލިކުރީ 3-1 ނެވެ.
މެޗުން ބަލިވުމުން ބުރަށް ވަނީ މެޗެއް އޮއްވާ ފައިނަލްގެ ފުރުޞަތު ގެއްލިފައެވެ. މެޗު ފެށި ގޮތަށް ގިނަ އިރެއް ނުވެ އޮޑިން ލީޑް ނެގީ އޭރިޔާ ބޭރުން މުޙައްމަދު ޝަޔާން ޝާފިއު ޖެހި ލަނޑުންނެވެ. ދެވަނަ ލަނޑު އޭރިޔާ ތެރެއިން ފޮނުވާލި ބޯޅައިން ޖެހީ ނާއިލް ޔޫސުފް އެވެ. އޮޑިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ދެވަނަ ހާފްގެ ކުރީކޮޅު ބުރުން ފަރަގު ކުޑަކުރިއެވެ. އެއީ ކޯނަރަކުން ހުރަސްވި ބޯޅަ އިބްރާހީމް ނާއިޝް ނާޒިމް ބޮލުން ފޮނުވާލައިގެން ޖެހި ލަނޑުންނެވެ.
އޮޑި ސްޕޯރޓްސް ކްލަބުން ތިންވަނަ ލަނޑެއް ޖެހީ ހުސައިން ޝުހާދު ސުހާން އެވެ. އެއީ ކީޕަރު ދިފާއުކުރުމުން ރީބައުންސަށް ނިކުއިން ބޯޅައެއް ފަސޭހައިން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެފަހުން އޮޑިއަށް ލިބުނު ޕެނަލްޓީއެއް ޝުހާދު އަތުން ނާކާމިޔާބުވިއެވެ. ނާއިލް ޔޫސުފް އަށް އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ ފޮނުވާލުމުން ބުރުގެ ކީޕަރު އަހުމަދު މިފްޒާލް މަތަކުރިއެވެ.
މިމޮޅާއެކު އޮޑިން ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައެވެ. ބާކީ އޮންނާނީ އެއް މެޗެވެ. މިވަގުތު އެއްވަނައިގައި އޮތީވެސް އޮޑިއެވެ. މާދަމާ ހަވީރު މާޒިޔާ ކެޔޮދޫއާ ވާދަކުރާ މެޗު ނިމުމާ ހަމައަށް އޮޑިއަށް އެއްވަނަ ޔަގީނެވެ. އެމެޗުން މާޒިޔާ މޮޅުވި ނަމަވެސް ޕޮއިނޓް ވާނީ ހަމަހަމައެވެ. ބުރު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާތީ ފައިނަލްގެ ފުރުޞަތެއް ނެތެވެ.
މިރޭ ވާދަކުރާނީ ތިންވަނައިގައި އޮތް ނިއުރޭޑިއަންޓާއި ޓީސީއެވެ.